Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ޝަހީމުގެ ސުވާލެއް: ސަރުކާރަށް އަހަރު ފާހަގަކުރަން ކަތިލި ކަންބަޅި ބަކަރިއަކީ އަޅުގަނޑުތޯ؟

މި ސަރުކާރަށް އެއް އަހަރު ފާހަގަކުރަން ނުހައްގުން ކަތިލި ކަންބަޅި ބަކަރި އަކީ އޭނާތޯ ވިދާޅުވެ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމު ސަރުކާރަށް ސުވާލެއް އަމާޒު ކުރައްވައިފިއެވެ.

ޝަހީމު މިހެން ވިދާޅުވެފައިމިވަނީ އަފްރާޝިމްގެ މަރާ ގުޅިގެން މަރުތަކާ ބެހޭ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ޝަހީމް އަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޝަހީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ އަބުރު ކަތިލުމަކީ މި ވެރިކަން ނިންމުމުގެ ބިންގަލަށް ވެސް ވެދާނެ ކަމަށާއި މިއީ ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

މަރު ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން އަފްރާޝިމް އަވާހަރަކޮށްލިރޭ ޓީވީއެމްގެ ޕްރޮގްރާމަކަށް އަރަން އަފްރާޝިމް އަށް ބާރު އެޅީ ޝަހީމެވެ.

އަދި ހާދިސާ ހިނގި ދުވަހުގެ މެންދުރު ޝަހީމްއާ ބައްދަލުކުރައްވަން އިސްލާމިކް މިނިސްޓްރީ އަށް އަފްރާޝިމް ވަޑައިގެންނެވީ އޭނާގެ އެދުމަށް ނޫން ކަމަށް ޝަހީމު ވިދާޅުވެފައިވީ ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އެ ދުވަހު ބަދަލުކުރެވިފައިވާ މެސެޖުތަކަށް ބަލާއިރު އެ ދުވަހުގެ މެންދުރު 1:00 އަށް އިސްލާމިކް މިނިސްޓްރީ އަށް އަފްރާޝިމް ވަޑައިގަތުމަށް ދެންނެވީ ސީދާ ޝަހީމުކަން އެނގެން އޮންނަ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

"ހޯމަ ވިލޭރޭގެ ޕްރޮގްރާމަށް އެރުމަށް ހުށަހެޅުއްވީ ޝަހީމު ކަމާއި، އަދި އެ ޕްރޮގްރާމަށް އަފްރާޝިމް އަރުއްވަން ބޭނުންފުޅުވީ ކީއްވެގެންކަން ޝަހީމަށް އެނގިވަޑައިގަންނަވާ ކަމާއި، އެއީ ކުރީން އަފްރާޝީމް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން މައާފަށް އެދުމަށް ނުވަތަ ތައުބާވާންކަން އާންމުކޮށް އިއުލާން ކުރުމަށްކަން ޝަހީމަށް އެނގިވަޑައިގެންފައިވާ ކަމާއި، އަދި އެރޭގެ ޕްރޮގްރާމަށް އެރޭ ގޮތަށް ހަމަނުޖެހިއްޖެނަމަ އެ ބޭނުމަށްޓަކާ އިސްލާމިކް މިނިސްޓްރީގައި ނޫސް ކޮންފަރެންސެއް ބާވައިދެއްވަން ޝަހީމު ހުށަހަޅުއްވާފައިވާކަން ވެސް ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރެވިފައިވާ މެސެޖުތަކުން ސާފުވޭ" ރިޕޯޓުގައި ބުނެފައިވެއެވެ.

އެހެންކަމުން އެރޭގެ ޕްރޮގްރާމަށް އެރޭނެ ކަމުގެ ޔަގީންކަން ދެވޭނެ ފަރާތެއް ނުހުންނާނެ ކަމަށާއި އެރޭގެ ޕްރޮގްރާމަށް އަފްރާޝިމް އަރަން ބޭނުންވި ސަބަބެއް ނޭނގޭ ކަމަށް ވިދާޅުވެ ޝަހީމު ރިޔާސީ ކޮމިޝަނަށް ދެއްވާފައިވާ މައުލޫމާތުތަކަކީ ތެދު މައުލޫމާތުތަކެއް ނޫން ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ..