Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

ޝަހީމަކީ މީހެއްގެ ނަފްސަށް އަނިޔާއެއް ދޭނެ ބޭފުޅެއް ނޫން: ޖަމީލު

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމަކީ މީހެއްގެ ނަފްސަށް ދެއްވާނެ ބޭފުޅެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވެފައިމިވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝިމް އަލީގެ މަރާ ގުޅިގެން މަރުތަކާ ބެހޭ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ޝަހީމް އަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމިޝަންގެ ރިޕޯޓަކީ ނިހާއީ ނިންމުމެއް ނޫން ކަމަށާއި ޑރ. ޝަހީމަކީ އެއްވެސް މީހެއްގެ ނަފްޞަށް އަނިޔާއެއް، ގެއްލުމެއް ދޭނެ އަދި އެފަދަ ކަމެއްގައި ބައިވެރިވާނެ ބޭފުޅެއް ކަމަށް ޤަބޫލެއް ނުކުރެވޭ ކަމަށެވެ.

"އެއީ ރާއްޖެ ފަޚްރުވެރިވާ ފަދަ ޢާލިމެއް، އިތުބާރު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް" ޖަމީލު ވިދާޅުވިއެވެ.

މަރު ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން އަފްރާޝިމް އަވާހަރަކޮށްލިރޭ ޓީވީއެމްގެ ޕްރޮގްރާމަކަށް އަރަން އަފްރާޝިމް އަށް ބާރު އެޅީ ޝަހީމެވެ. އަދި ކޮމިޝަނަށް ޝަހީމު ދެއްވާފައިވާ ބައެއް މައުލޫމާތުތަކަކީ ތެދު މައުލޫމާތުތަކެއް ނޫން ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މަރު ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ޝަހީމު ވިދާޅުވީ އަފްރާޝިމްގެ މަރު މައުސޫމް މީހުންނާ ގުޅުވަނީ ހަގީގީ ގާތިލުން ފޮރުވަން ކަމަށެވެ. އަދި އަނިޔާވެރި އަމަލުތަކުން އޭނާ ބަރީއަވެގެންވާ ކަން މާތްﷲ ދެނެވޮޑިގެންވާނެ ކަމަށާއި ޓީވީ ޕްރޮގްރާމާއި ބެހޭ ގޮތުން މަރު ކޮމިޝަނަށް ދީފައި ވާނީ ތެދު މައުލޫމާތު ކަމަށްވެސް ޝަހީމު ވިދާޅުވިއެވެ.