Last Updated: April 16, 19:25
Tuesday, April 16, 2024
ކުޅިވަރު

ރޮނާލްޑޯ އަށް 99 ލަނޑު، ޕޯޗުގަލް ޔޫރޯ އަށް

ލަގްޒެމްބާގްގެ މައްޗަށް 2-0 އިން ކުރި ހޯދައި އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޕޯޗުގަލް ކޮލިފައިވެއްޖެއެވެ.

އެންމެފަހުގެ ޔޫރޯ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލް އިން ކޮލިފިކޭޝަން ބުރު ނިންމާލާފައިވަނީ ގްރޫޕް ބީގެ ދެވަނައިގައި އޮވެއެވެ. އެގޮތުން އެޓީމަށް ކުޅުނު 8 މެޗުން ލިބުނީ 17 ޕޮއިންޓެވެ. މި ގްރޫޕްގެ އެއްވަނަ ހޯދައިގެން ޔޫރޯ އަށް ކޮލިފައިވީ ޔުކްރޭން ކަމަށްވާއިރު އެޓީމަށް ވަނީ 20 ޕޮއިންޓު ލިބިފައެވެ.

ލަގްޒެމްބާގްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ޕޯޗުގަލް އިން ކާމިޔާބުކުރި ފުރަތަމަ ގޯލު މެޗުގެ 39 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބްރޫނޯ ފާނަންޑޭސްއެވެ. އަދި މި މެޗުން އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 99 ވަނަ ގޯލެވެ.

ރޮނާލްޑޯ 99 ގޯލު ގައުމީ ޓީމަށް ކާމިޔާބުކޮށްދީފައިވާއިރު ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ އީރާން ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ ދާއީ އަތުގަ އެވެ. އޭނާ އެ ރެކޯޑް ހެދީ 109 ގޯލު ހަމަކޮށްގެންނެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ޔުވެންޓަސް އަށް ކުޅެމުން އަންނަ ރޮނާލްޑޯ ބުނީ އަލީ ދާއީގެ ރެކޯޑު މުގުރާލާނެ ކަމަށެވެ.

"ހުރިހާ ރެކޯޑަކަށް ވެސް ނިމުން އަންނަން ޖެހޭނެ. އެ ރެކޯޑު އަހަރެން މުގުރާނަން" ރޮނާލްޑޯ ބުންޏެވެ،

އެ ރެކޯޑު މުގުރާލަން ރޮނާލްޑޯ ކެތްމަދުވެފައިވާއިރު، ޕޯޗުގަލްގެ ގައުމީ ޓީމުގެ މެޗެއް ދެން އޮންނާނީ އަންނަ އަހަރުގެ މާޗު މަހުއެވެ.