Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

އައިޖީއެމްއެޗަށް އުފަންވި ކުދިންތަކެއް ނިޔާވި މައްސަލަ މަޖިލީހުން ބަލަނީ

އައިޖީއެމްއެޗްގައި އުފަންވި ކުދިންތަކެއް ނިޔާވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ބަލަން ފަށައިފިއެވެ.

އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަ ބަލަން ފަށާފައިވާއިރު، އެ ކޮމިޓީން މި މައްސަލަ ބަލަނީ އަމިއްލަ އަށް އިސްނަގައިގެން ކަމެއް ނުވަތަ އާންމު ފަރާތަކުން ހުށަހަޅައިގެން ކަމެއް އެނގިފައެއް ނުވެއެވެ.

ކުދިންތަކެއް ނިޔާވި މައްސަލާގައި އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލަށް ވިހެއި ކުދިންތަކުގެ ތެރެއިން ނިޔާވެފައި ވަނީ ދެ ކުދިން ކަމަށާއި އެ ދެ ކުދިން ނިޔާވީ ވިހެއުމުގެ ކުރިން ކަމަށެވެ.

އަދި ވިހެއުމުގެ ކުރިން ނުވަތަ ވިހެއުމަށްފަހު މަރުވާ ތުއްތުކުދިންގެ މައްސަލަ ހެލްތު މިނިސްޓްރީއާ ގުޅިގެން އެ ހޮސްޕިޓަލުން އަބަދުވެސް ތަހްގީގު ކުރާ ކަމަށާއި އަދި ނިޔާވި ދެ ކުދިންގެ މައްސަލަވެސް މިހާރު ތަހްގީގު ކުރަމުންދާ ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

މީގެއިތުރުން އެ މައްސަލަތައް ތަހްގީގު ކުރުމަށްފަހު އާއިލާތަކުން ބޭނުންވާ ނަމަ އާއިލާއާޢި ތަހްގީގީ ރިޕޯޓު ހިއްސާ ކުރާ ކަމަށާއި މިފަދަ ގޮތަކަށް ކުދިން މަރުވުމަކީ މުޅި ހޮސްޕިޓަލަށް ވެސް ލިބޭ ހިތާމައެއް ކަމަށްވެސް އައިޖީއެމްއެޗުން ބުނެފައިވެއެވެ.