Last Updated: March 29, 17:22
Friday, March 29, 2024
ޚަބަރު

އައްޑޫ އެއާޕޯޓުގައި ރެސްޓޯރެންޓެއް ހިންގާނެ ފަރާތެއް ހޯދަނީ

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ރެސްޓޯރެންޓެއް ހިންގާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑުން ކުރި އިއުލާނެއްގައި ބުނީ އެއާޕޯޓުގެ ޓާމިނަލް ބޭރުގައި ރެސްޓޯރެންޓެއް ހިންގަން ބޭނުންވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މިކަމަށް ހުށަހަޅާ ފަރާތްތަކުން ޝައުގުވެރިވާކަން ހާމަކޮށް ސިޓީއަކާއި، ވިޔަފާރިއާއި ބެހޭ މަޢުލޫމާތުގެ އިތުރުން ރެސްޓޯރެންޓް އަދި ކެފޭ ފަދަ ތަންތަން ހިންގުމުގައި ތަޖުރިބާ ލިބިފައިވާކަމުގެ ހެކި ހުށަހެޅުމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތަކެތި ހުށަހަޅަންޖެހޭނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އީމެއިލް finance@ganairport.aero އަށެވެ.

އައްޑޫ އެއާޕޯޓުގެ ޓާމިނަލް ބޭރުގައި މިހާރުވެސް ރެސްޓޯރެންޓެއް ހިންގަމުން ދެއެވެ. އެއީ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ގެ ހިއްސާ އޮންނަ ސައުތްލޭންޑް ރެސްޓޯރެންޓެވެ.