Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ޔާމީން ޖަލު ގޮޅީގައި އޮންނަތަން ބަލަން ބޭނުން: ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު – ފޮޓޯ: މަަޖިލިސް

ޔާމީން ޖަލު ގޮޅީގައި އޮންނަތަން ބަލަން ބޭނުންވާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މަޖިލިހުގައި މިއަދު ވާހަކަދައްކަމުން ޖާބިރު ވިދާޅުވީ ޔާމީން ހައްޔަރުނުކޮށްގެން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ހަދާފައިވާ ޑީލެއްގެ ދަށުން ކަމަށާއި ޔާމީން ޖަލުގައި ހުންނަން ނުޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"ކީއްވެގެންތޯ އޭނާ ޖަލުގައި ނީއްނަަންވީ. ކީއްވެގެންތޯ އަޅުގަނޑުމެން ޖަލަށްލީއިރު ކޮބައިތޯ އިންޓެގްރިޓީއާއި ހިއުމަންރައިޓްސް ކޮބައިތޯ. މިއަދު އޭނާ ލާންވީމަ ހުރިހާ ބްރޯޑްކާސްޓިންގް އެއް ބަދަލުވެގެން މިދަނީ. އޭނާ ޖަލަށް ލެވޭނެ ގޮތެއްވެސް ނެތް" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޔާމީން ޖަލު ގޮޅިގައި އޮންނަތަން ބަލަން ބޭނުންވާ ކަމަށާއި އަދި ޔާމީންއާ އެތަނުން ބައްދަލުކުރަން ވެސް ބޭނުންވާ ކަމަށެވެ.

"އޭނާގެ އަތުގައި ހުރި މުދާ ނަގަން އަޅުގަނޑު ބޭނުން. އެކަން މި މަޖިލީހުން ނުކުރާހާ ހިނދަކު ކޮބައިތޯ މަޖިލީހުގެ ބޭނުމަކީ" ޖާބިރު ވިދާޅުވިއެވެ.

މީގެއިތުރުން ޖާބިރު ވަނީ މިއަދުގެ ޖަލްސާގައި މި ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކާފައެވެ. އެގޮތުން މި ސަރުކާރަށް އެއް އަހަރުވީއިރު ދައުލަތުން ވައްކަން ކުރުން ފިޔަވައި އިތުރު ކަމެއް ނުކުރެވުނު ކަމަށާއި ދައުލަތެއް ވެސް ރަނގަޅަށް ނުހިންގުނު ކަމަށް ޖާބިރު ވިދާޅުވިއެވެ.

އަދި ރައީސް ސޯލިހު ރާއްޖޭގެ ވެރިކަމަށް އައިސްފައިވަނީ މަކަރާއި ހީލަށް ހަދައިގެން އެންމެން ޖަލަށްލުމަށްފަހު ޔާމީންއާއި ޑީލެއް ހަދައިގެން ކަމަށާއި ރާއްޖެ ހަމައަކަށް އެޅުވޭނީ މިހާރު އޮތް ކެބިނެޓް ވެސް ބަދަލުކޮށްގެން ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.