Last Updated: March 29, 11:09
Friday, March 29, 2024
ވިޔަފާރި

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓު އަދި އާމްދަނީ އިތުރުވެއްޖެ

އެމްޕީއެލް ބަނދަރު ސަރަހައްދު ފޮޓޯ: އެމްޕީއެލް

މިދިޔަ މަހުގެ ތެރޭގައި ރާއްޖެއިން މުދާ އިމްޕޯޓު ކުރި މިންވަރާއި އެކްސްޕޯޓު ކުރި މިންވަރު އަދި ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު އޮކްޓޫބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އަށް އިމްޕޯޓުކޮށްފައިވަނީ 3.8 ބިލިއަން ރުފިޔާގެ މުދާ ކަމަށްވާއިރު މިއަހަރުގެ އެ މުއްދަތުގައި އިމްޕޯޓު ކުރި މުދަލުގެ އަގު ވަނީ 4.2 ބިލިއަނަށް އަރާފައެވެ. މިއީ 10 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ޗައިނާ އިންނެވެ. އެގޮތުން އިމްޕޯޓް ކުރި މުދަލުގެ 18 ޕަސެންޓަކީ ޔޫއޭއީ އަދި ޗައިނާ އިން އެތެރެކުރި މުދަލެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި ވަރުވެސް އިތުރުވެފައިވާ އިރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެކްސްޕޯޓުކޮށްފައިވަނީ 257 މިލިއަން ރުފިޔާގެ މުދަލެވެ. މި އަހަރު އެ އަދަދު އުޅެނީ 298 މިލިއަން ރުފިޔާގަ އެވެ. މިއީ 16 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑުންނެވެ. އެގޮތުން ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 16 ޕަސެންޓް ބޭރުކޮށްފައިވަނީ އެ ގައުމަށެވެ.

އޮކްޓޫބަރު މަހު ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓުގެ އިތުރުން މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 0.37 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 287 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދު އުޅެނީ 288 މިލިއަން ރުފިޔާގަ އެވެ.