Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ޗެނަލް 13 އަށް ފިޔަވަޅު އަޅަން އެމްޑީޕީން ގޮވާލައިފި

ޗެނަލް 13 ސްޓޫޑިއޯ

އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒްއާ ގުޅޭ ގޮތުން ދޮގު ޚަބަރު ޗެނަލް 13 އިން ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބުނެ އެ ޗެނަލާ ދެކޮޅަށް ފިޔަވަޅު އަޅަން މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ޗެނަލް 13 ގެ ނިއުސް ރީލުގައި އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ ޝިފާޒް ރޭގެ ވަގުތެއްގަ ހައްޔަރުކުރެވިފަވާ ކަމަށް ބުނެ ދޮގު ޚަބަރު ބްރޯޑްކާސްޓްކޮށްފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

"މިފަދަ ޒިންމާދާރުކަންކުޑަ އަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކޮށް، މިކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް މިޕާޓީން ގޮވާލަމެވެ" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިއީ ޕާޓީގެ އެތެރޭގެ އިންތިޚާބެއް ބޯމަތިވެފައިވަނިކޮށް އެ ޕާޓީން ބޭރު ފަރާތްތައް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެއް ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ޝިފާޒު ހައްޔަރުކޮށްފައިވާ ކަމަށް ޗެނަލް 13 އިން ބުނި ނަމަވެސް ފުލުހުން ވަނީ ޝިފާޒު ހައްޔަރުކޮށް އަދި ފުލުހަށް ވެސް ހާޒިރުކޮށްފައިނުވާ ކަމަށް ބުނެފައެވެ.