Last Updated: April 18, 21:24
Thursday, April 18, 2024
ޚަބަރު

ރިޔާޒު ނުހިމަނާ އަފްރާޝީމްގެ މަރުގެ ރިޕޯޓް ކޮމިޓީން ދިރާސާ ކުރަނީ

ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު - ފޮޓޯ: މަޖިލިސް

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައިގެ ރިޕޯޓް ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ނުހިމަނަން އެ ކޮމިޓީން ނިންމައިފިއެވެ.

އެ މައްސަލައާއި ގުޅޭ ކޮމިޓީ ބައްދަލުވުންތަކުގައި ރިޔާޒު ބައިވެރިނުކުރުމަށް ހުށަހެޅުއްވީ އެމްޑީޕީގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލާބީބެވެ. އެ ހުށަހެޅުން ފާސްވީ 8 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ ބަލާއިރު ކޮމިޓީގައި ރިޔާޒު ނުހިމެނުމަށް ފާސްކުރިއިރު، ރިޔާޒު މިއަދު ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ.

އަފްރާޝީމްގެ މަރާއި ގުޅިގެން މީގެ ހަތް އަހަރުކުރިން ފުލުހުންގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ރިޔާޒު ވިދާޅުވެފައިވަނީ މިހާތަނަށް އެކަން ބެލި ބެލުމުން، އެއީ ސިޔާސީ ބަަޔަކު އަޑީގައި ތިބެގެން ރަވައިގެން ހިންގާފައިވާ ޓެރަރިޒަމްގެ އަމަލެއްކަމަށް ފުލުހުން ތަހުގީގަށް ބެލެވޭ ކަމަށެވެ. ނަމަވެސް މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ އަފްރާޝީމްގެ މަރަކީ، ދީނީ ހިޔާލުތަފާތުވުންތަކުގައި ހައްދުފަހަނަ އެޅި ޖިހާދީ ގުރޫޕަކުން ފަންޑުކޮށްގެން ކުރި ކަމެއް ކަމަށެވެ.

ރިޕޯޓުގައި ބުނީ، ރިޔާޒު އެގޮތަށް ވިދާޅުވި ނަމަވެސް، ހުމާމް ތަހުގީގަށް ބަޔާން ދިން ފަހުން މި މައްސަލައިގައި ބަންދުކުރި ރީކޯ މޫސާގެ ދަނބިދަރި މ. ޖަރީމާގޭ އަބްދުﷲ ޖާބިދު (ޖާ)ގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން މައްސަލަ ބައްލަވާ ގާޒީ ތަކުރާރުކޮށް އެކަމުގައި އެއްވެސް ހެއްކެއް ހުރި ނަމަ ހުށަހެޅުމަށް އެންގެވުމުން އެފަދަ އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެއްވެސް ހެއްކެއް ނެތުމުގެ ސަބަބުން ކޯޓުން ޖާ ވަނީ ދޫކޮށްލާފައިއެވެ. އެހެން ކަމުން ޑރ. އަފްރާޝީމް އަވަހާރަކޮށްލީ، ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ ބޭނުމެއްގައި، ސިޔާސީ ވިސްނުމެއްގައި ކަމަށް ބުނާ ބުނުމަށް ބާރު ލިބޭ އެއްވެސް ހެއްކެ ނެތް ކަމަށް މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެއެވެ.