Last Updated: April 25, 17:59
Thursday, April 25, 2024
ޚަބަރު

އެއްވެސް މީހަކު މަރާކަށް އިލްމުވެރިން ހިތްވަރެއް ނުދޭނެ: ޝަހީމު

އެއްވެސް މީހަކު މަރަން އިލްމުވެރިން ހިތްވަރު ނުދޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމު ވިދާޅުވެއްޖެއެވެ.

ޝަހީމު މިހެން ވިދާޅުވެފައިމިވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝިމް އަލީ އަވަހާރަކޮށްލި މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓުގައި ޝަހީމްއާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ތަފާތު އެކި ފަރާތްތަކުން ޝަހީމަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޝަހީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިސްލާމީ އިލްމުވެރިން އެއްވެސް މީހަކު މަރާކަށް ހިތްވަރު ނުދޭނެ ކަމަށާއި ރާއްޖޭގެ އިލްމުވެރިންގެ މެދުގައި ހުރި އެކިއެކި ހިލާފުތަކަކީ އިލްމީ ހިލާފުތަކެއް ކަމަށެވެ. އަދި އެއީ އެހެން ދާއިރާތަކުގެ އިލްމުތަކުގެ އަހުލުވެރިންގެ މެދުގައި ވެސް ހުންނަ މަދުރަސީ ހިލާފުތައް ފަދަ ހިލާފުތަކެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވަޒީރުކަމުގައި މަސައްކަތްކޮށްފައިވާނީ އިލްމުވެރިން އެއް ގަލަކަށް އަރުވައި، ހިޔާލު ތަފާތުވުން ކުޑަކޮށް، ސުލްހަވެރިކަމާއެކު މަޝްވަރާ ކުރުމުގެ ވެއްޓެއް އުފެއްދުމަށް. އަދި ހަރުކަށި ހިޔާލުގެ މީހުން ފިކުރީ ގޮތުން ރަނގަޅު ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ" ޝަހީމް ވިދާޅުވިއެވެ.

މަރު ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން އަފްރާޝިމް އަވާހަރަކޮށްލިރޭ ޓީވީއެމްގެ ޕްރޮގްރާމަކަށް އަރަން އަފްރާޝިމް އަށް ބާރު އެޅީ ޝަހީމެވެ. އަދި ކޮމިޝަނަށް ޝަހީމު ދެއްވާފައިވާ ބައެއް މައުލޫމާތުތަކަކީ ތެދު މައުލޫމާތުތަކެއް ނޫން ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.