Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ޑީކޯވާ ފަރާތްތަކަށް އަވަސް ފަރުވާ ނުދެވޭތީ މަޖިލީހަށް ކުއްލި މައްސަލައެއް

ޑައިވް ކުރުމުގައި ޑީކޯވާ ފަރާތްތަކަށް އަވަސް ފަރުވާނުދެވޭތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނަކީ މިހާރު ވެސް މަސްވެރިކަމުގައި ހަރަކާތްތެރިވާ ބަޔަކަށް ވާއިރު، މަސްދޯނި ފަހަރަށް ބޭނުންވާ މިންވަރާއި ގާތަށް ވެސް ރާއްޖެއިން އެން ނުލިބޭތީ ޑައިވް ކޮށްގެން އެން ހިފުމަށް ދިވެހި މަސްވެރިންނަށް މަޖުބޫރުވެފައިވާ ކަމަށެވެ.

އަދި އެން ހިފުމަށް ޑައިވް ކުރާ ފަރާތްތައް ޑީކޯ ވުމަކީ މިހާރު އާންމުކޮށް ކުރިމަތިވަމުން އަންނަ ނުރައްކާތެރި މައްސަލައެއް ކަމަށާއި ޑީކޯވާ ފަރާތްތަކަށް ދޭން ޖެހޭ އަވަސް ފަރުވާ ދެވޭނެ އެއްވެސް ވަސީލަތެއް މަސްވެރި އަތޮޅުތަކުގައި ގާއިމުވެފައި ނެތުމުން އެތައް ބައެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ނުކުޅެދޭ ހާލަތަކަށް ގޮސް އެ ހިތްދަތި ކަމުގައި އުޅެން ޖެހިފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އިއްޔެ ޑީކޯވި މީހަކަށް ދޭންޖެހޭ އަވަސް ފަރުވާ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ލިބެން ނެތުމުގެ ސަބަބުން އެމީހާގެ ހަށިގަނޑުގެ އެއްފަޅިން ވާގިނެތިފައިވާ ކަމަށާއި އެހެންކަމުން ފުޅާ ދާއިރާއެއްގައި މި މައްސަލާގައި މަޖިލީހުގައި ބަހުސްކޮށް، މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޖާބިރު ވަނީ ގޮވާލާފައެވެ.

މި މައްސަލަ މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ ބަލައިގެންފައެވެ.