Last Updated: April 24, 12:21
Wednesday, April 24, 2024
ޚަބަރު

އިއްވީ ގޯސް ހުކުމެއް، ޔާމީން ގެއަަށް ބަދަލުކޮށްދީ: ޖަމީލު

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވީ ގޯސް ހުކުމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

މިއަދު މާފުށީ ޖަލަށް ޒިޔާރަތް ކުރެއްވުމަށްފަހު ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންއާ މިއަދު ބައްދަލުކޮށް، އިސްތިއުނާފްގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ.

"އިއްވާފައިވަނީ ގޯސް ޙުކުމެއް. ވީހާވެސް އަވަހަށް ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް ހޯމް މިނިސްޓަރ ގެ އަރިހުން އެދެން. ޚިޔާނާތުގެ މުގުލުގައި ތިބި އަދީބާއި ޒިޔަތުވެސް ތިބީ ގޭގައި" ޖަމީލު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ. ޔާމީން ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފައެވެ.

އެ ހުކުމް އިއްވުމުން ޔާމީން ވަގުތީ ގޮތުން މާލޭ ޖަލުގައި ހުންނެވި ނަމަވެސް، އިއްޔެގެ ވަގުތެއްގައި އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.