Last Updated: April 25, 21:20
Thursday, April 25, 2024
ކުޅިވަރު

ސާއިދު ރަން މެޑަލް ހޯދައިފި

ހަސަން ސާއިދު - އެމްއޯސީ ފޮޓޯ: މުހައްމަދު ޝަރުހާން

ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރަން މެޑަލް ހާސިލުކޮށްފިއެވެ.

100 މީޓަރު ދުވުމުން ސާއިދު އެއްވަނަ ހޯދީ 10.49 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ މިފަހަރުގެ ގޭމްސްގައި ރާއްޖެ އިން ހޯދި ފުރަތަމަ ރަން މެޑަލްއެވެ.

މި އިވެންޓުން އެންމެ ފަހުގެ ގޭމްސްގައި ސާއިދު ވަނީ ރިހި މެޑަލް ހޯދާފައެވެ. 100 މީޓަރު ދުވުމުން ރިހި މެޑަލް ސާއިދު އެފަހަރު ހޯދީ 10.41 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސައުތް އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ސާއިދު ރަން މެޑަލް ހޯދިއިރު، އޭނާ ވަނީ 2015 ވަނަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ވެސް ރަން މެޑަލް ހޯދާފައެވެ. އެއީ ބައިނަލް އަގްވާމީ މުބާރާތަކުން ދިވެހި ދުވުންތެރިއަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

ނަމަވެސް އެންމެފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސާއިދަށް ލިބުނީ ހަތަރުވަނަ އެވެ.