Last Updated: April 25, 21:20
Thursday, April 25, 2024
ކުޅިވަރު

ރަން މެޑަލް ހޯދި ސާއިދަށް ރައީސްގެ މަރުހަބާ

ހަސަން ސާއިދު - ފޮޓޯ: އެމްއޯސީ

ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހާސިލުކުރި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

ސާއިދަށް މަރުހަބާ ވިދާޅުވެ ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާއިދު ހޯދި ކާމިޔާބީއާ މެދު ފަހުރުވެރިވާ ކަމަށެވެ. އަދި އެގޮތުގައި ކުރިއަށް ދިޔުމަށް ވެސް ރައީސް ވަނީ ސާއިދަށް އިލްތިމާސްކޮށްފައެވެ.

100 މީޓަރު ދުވުމުން ސާއިދު އެއްވަނަ ހޯދީ 10.49 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ މިފަހަރުގެ ގޭމްސްގައި ރާއްޖެ އިން ހޯދި ފުރަތަމަ ރަން މެޑަލްއެވެ.

މި އިވެންޓުން އެންމެ ފަހުގެ ގޭމްސްގައި ސާއިދު ވަނީ ރިހި މެޑަލް ހޯދާފައެވެ. 100 މީޓަރު ދުވުމުން ރިހި މެޑަލް ސާއިދު އެފަހަރު ހޯދީ 10.41 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސައުތް އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ސާއިދު ރަން މެޑަލް ހޯދިއިރު، އޭނާ ވަނީ 2015 ވަނަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ވެސް ރަން މެޑަލް ހޯދާފައެވެ. އެއީ ބައިނަލް އަގްވާމީ މުބާރާތަކުން ދިވެހި ދުވުންތެރިއަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.