Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އިދިކޮޅު މެމްބަރުން ތަކެއް ބޭރުކޮށް، މަޖިލީހުގެ ދޮރުތައް ތަޅުލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި އިދިކޮޅު ބައެއް މެމްބަރުންގެ ނަން އިއްވައި ތަޅުމުން ބޭރުކޮށް މަޖިލީހުގެ ދޮރުތައް ތަޅުލައިފިއެވެ.

މިއަދު ނަން އިއްވައި ބޭރު ކުރި މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަދި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގާއި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފް ހިމެނެއެވެ.

މި ބޭފުޅުންގެ ނަން އިއްވައި ތަޅުމުން ބޭރުކުރީ ވޯޓަށް އަހަން ވެފައިވަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ މަޖިލީހުގެ އިދާރީ މޭޒު ކުރިމަތީގައި އިހުތިޖާޖު ކުރަމުން ދިޔުމާ ގުޅިގެންނެވެ. ވޯޓަށްފަހު އިހުތިޖާޖު ކުރަން ގެންދަން ރިޔާސަތުން އެދުނު ނަމަވެސް މެމްބަރުން އިހުތިޖާޖު ކުރުން ހުއްޓާލާފައެއް ނުވެއެވެ.

އެއާއެކު މެމްބަރުން ނަން އިއްވައި ތަޅުމުން ނެރުނުއިރު، މިއަދުގެ ޖަލްސާގައި ވޯޓަށް އަހާފައިވަނީ އިދިކޮޅު ބައެއް މެމްބަރުން ބޭރުކުރުމަށްފަހުއެވެ.

މިބޭފުޅުން ބޭރު ކުރެއްވުމަށް ފަހު މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ މަޖްލީހުގެ ސާރޖަންޓް އެޓް އާމްސްއަށް، މަޖްލީހުގެ ދޮރުތަކުގެ ތަޅުގައި ހިފަހައްޓައިގެން ތިއްބެވުމަށް އަންގަވާފައެވެ.

"ސާޖަންޓް އެޓް އާމްސް ކޮށްދެއްވަނީ ކަމަކީ ތިބޭފުޅާ ތި ދޮރުކައިރީގައި އެތެރެއިން ތަޅުގައި ހިއްޕަވައިގެން ހުންނަވަންވީ. އެކޮޅުން އެހެން ބޭފުޅަކުވެސް ތަޅުގައި ހިއްޕަވައިގެން ހުންނެވުން" ނަޝީދު ވިދާޅުވިއެވެ.

ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިއްޔެ ވެސް އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކޮށްފައިވެއެވެ.