Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

އަމީންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ހަނގުރާމައަށް މީހުން ފޮނުވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީންގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މިދިޔަ އޮކްޓޫބަރު މަހު އަމީން ހައްޔަރުކޮށްފައިވާއިރު ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭނާ އަކީ ގިނަ ދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާޖެއިން މީހުން ރެކްރޫޓުކޮށް ހަނގުރާމައަށް މީހުން ފޮނުވަން އަމީން އަމަލީގޮތުން ހަރަކާތްތެރިވެ އެކަމަށް އެހީތެރިވެދީ ވަގިވެރިވާކަމަށް މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓް ދިނުމާއި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތަކުގެ އިސް ފަރާތްތަކާއި ގާތް ގުޅުމެއް ބާއްވާ، އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އަމީން އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އަމީންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ވެސް ހިމެނިފައިވާ ފަރާތެކެވެ. އެމެރިކާއިން ބުނެފައިވާ ގޮތުގައި އޭނާއަކީ ސީރިއާއާ އަފްގާނިސްތާނުގައިވެސް ވަރަށް އިސްކޮށް އައިސިސްގެ ކަންކަމުގައި ހަރަކާތްތެރިވާ މީހެކެވެ.