Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ޑަބްލިޔުބީޕީއެފް ޑިސްޓިންގުއިޝްޑް ސާވިސް އެވޯޑް ރައީސް ސޯލިހަށް

ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައިވާ "ޑަބްލިޔު.ބީ.ޕީ.އެފް. ޑިސްޓިންގުއިޝްޑް ސަރވިސް އެވޯޑް" އެމަނިކުފާނާއި ޙަވާލުކުރައްވައިފިއެވެ.

މި އެވޯޑު ރައީސްްއާ ހަވާލުކުރައްވާފައިވަނީ ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި އެ ޖަމްޢިއްޔާގެ އެތުލީޓުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި އެވޯޑު ރައީސް ސޯލިހަށް އަރުވާފައިވަނީ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޑިޒެންޓް އިބްރާހީމް ޙަމީދާއި، ސައުތު އޭޝިއަން ބޮޑީބިލްޑިންގް އެންޑް ފިޓްނަސް ފެޑެރޭޝަންގެ އެގްޒެކެޓިވް މެމްބަރ ޢަލީ ރިފާޢުއެވެ. މިއީ، މި އެވޯޑު އޭޝިއާގެ ޤައުމެއްގެ ރައީސަކަށް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މި އެވޯޑު ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ މި ދާއިރާގެ ކުރިއެރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެސޯސިއޭޝަންގެ އެތުލީޓުން ފާއިތުވި އަހަރުގެ ތެރޭގައި ހޯދާފައިވާ ރަން ވަނަތަކާއި ތަފާތު ކާމިޔާބީތައް ފާހަގަކުރައްވާ، އެތުލީޓުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، އެކި ކުޅިވަރުތަކުގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލައްވާ، ކުޅިވަރުގެ ދާއިރާގައި ހަމަހަމަކަން ޤާއިމުކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ދާއިރާގެ ކުރިއެރުމަށް ހުރި ގޮންޖެހުންތަކާއި، އެސޯސިއޭޝަނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލު ކުރައްވަން، ކަމާއިބެހޭ ވުޒާރާއާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ބޮޑީބިލްޑިންގ އެސޯސިއޭޝަންގެ އިސް ބޭފުޅުންވަނީ، ފާއިތުވި އެއް އަހަރުގެ ތެރޭގައި ކުޅިވަރު ތަރައްޤީ ކުރެއްވުމުގައި ސަރުކާރުން ގެންގުޅުންވާފައިވާ ހަމަހަމަ އުޞޫލުތަކަށް މަރުޙަބާ ވިދާޅުވެ، އަދި ވަކީން ޚާއްޞަކޮށް ބޮޑީބިލްޑިންގގެ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، އެސޯސިއޭޝަންގެ އިސްބޭފުޅުންވަނީ، މި ކުޅިވަރު އިތުރަށް ތަރައްޤީ ކުރުމަށް ހުރި ގޮންޖެހުންތަކާއި ދަތިތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވާފައެވެ. އަދި، ކުރިއަށް އޮތް ތަނުގައި، މި ދާއިރާއިން ރާއްޖެއަށް ރީތި ނަން ހޯދައިދިނުމުގެ އަޒުމުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.