Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް ރެކޯޑު އަދަދަކަށް އަންހެނުން

މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުގައި ބޭއްވި އާންމު އިންތިހާބުގައި ރެކޯޑު އަދަދަކަށް އަންހެނުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ އާންމު އިންތިހާބު ކާމިޔާބުކޮށްފައިވަނީ މިހާރުވެސް އެގައުމުގައި ވެރިކަން ކުރަމުން އަންނަ ކޮންޒަވޭޓިވް ޕާޓީންނެވެ. އެގޮތުން އެ ޕާޓީން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 650 ގޮނޑީގެ ތެރެއިން 364 ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު ލޭބާ ޕާޓީ އަށް ކާމިޔާބު ކުރެވިފައިވަނީ 203 ގޮނޑިއެވެ.

މި އިންތިހާބުން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ ރެކޯޑު އަދަކަށް އަންހެނުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވުމެވެ. އެގޮތުން 220 ގޮނޑި އަށް އިންތިހާބުވެފައިވަނީ އަންހެނުންނެވެ. 2017 ގައި ބޭއްވި އާންމު އިންތިހާބުގައި ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވި އަންހެނުންގެ ނިސްބަތް އުޅެނީ 208 ގައެވެ.

ވަކިވަކި ޕާޓީތަކަށް ބަލާއިރު ކޮންޒަވޭޓިވް ޕާޓީން ކާމިޔާބުކުރި 364 ގޮނޑީގެ ތެރެއިން 87 ގޮނޑި އަށް އިންތިހާބުވެފައިވަނީ އަންހެނުންނެވެ. ލޭބާ ޕާޓީއަށް ބަލާއިރު ފިރިހެނުންނަށް ވުރެ ގާނޫނު ހަދާ މަޖިލީހުގައި މިހާރު ގިނައީ އަންހެނުންނެވެ. އެގޮތުން ލޭބާ އަށް ކާމިޔާބު ކުރެވުނު 203 ގޮނޑީގެ ތެރެއިން 104 ގޮނޑި އަށް އިންތިހާބުވީ އަންހެނުންނެވެ.

ރެކޯޑު އަދަދަކަށް އަންހެނުން މިފަހަރު ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެފައިމިވަނީ އަންހެނުންނަށް ކުރިމަތިވާ ތަފާތު އެކި ފުރައްސާރައިގެ ސަބަބުން މި އިންތިހާބުގައި އަންހެނުން ވާދަކުރާނެ ނިސްބަތް މަދުވެދާނެ ކަމުގެ ބިރު ހީވެފައިވަނިކޮށެވެ.