Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ނަޝީދު ދައްކަވާ ވާހަކަތައް ސަރުކާރުން ކުށްވެރިކުރަންޖެހޭ

ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތައް ސަރުކާރުން ކުށްވެރި ކުރަންޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާ އެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް މަރުވެފައިވާ ކަމަށާއި އެ އެއްބަސްވުން މި ސަރުކާރުން ކުރިއަށް ނުގެންދާނެ ކަމަށް އިންޑިއާގެ ޓީވީ ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އެ އެއްބަސްވުން ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވާ ކަމަށާއި މަޖިލީހުގެ މެމްބަރުން އެ އެއްބަސްވުމަށް ރުހުން ނުދެއްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މި ވާހަކަފުޅަށް ރައްދު ދެއްވައި މާވަށު ދާއިރާގެ މެމްބަރުކަން ވެސް މިހާރު ކުރައްވަމުން ގެންދަވާ ސައީދު ވިދާޅުވީ އެ އެއްބަސްވުން މަރުނުވާ ކަމަށާއި އަމިއްލަ ސިޔާސީ ފައިދާއަށްޓަކާ ނަޝީދު ދައްކަވާ މިފަދަ ވާހަކަތައް ކުށްވެރި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ގޮވާލާ ކަމަށެވެ.

ދިވެހި ސަރުކާރުން ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓުގައި ސޮއިކޮށްފައި ވަނީ ޑިސެމްބަރު 7، 2017 ގަ އެވެ. އަދި އެ އެއްބަސްވުމުން ކުރިއަށް ގެންދަން މަޖިލީހުން ފާސްކޮށްފައި ވަނީ ނޮވެމްބަރު 29، 2017 ގަ އެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން މި ސަރުކާރުން ކުރިން ބުނެފައިވަނީ އެ އެއްބަސްވުމުގައި ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެހެންކަމުން އެ އެއްބަސްވުން ރިވިއު ކުރަމުން އަންނަ ކަމަށެވެ.