Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ސިޔާސީ ގޮތުން ގުރުބާން ކުރުމުގެ ބަދަލުގައި އައްޑޫ ތަރައްގީކޮށްދީ: ނިޒާރު

ސިޔާސީ ގޮތުން އަބަދު ގުރުބާން ކުރުމުގެ ބަދަލުގައި އައްޑޫ ސިޓީ އަށް ތަރައްގީ ގެނެސްދެއްވުމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ސަރުކާރަށް ގޮވާލައްވައިފިއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ނިޒާރު ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން ވިދާޅުވީ މާލޭގެ އިތުރުން ރާއްޖޭގެ އިތުރު ދެތިން ތަނެއް އެ ފެންވަރަށް ތަރައްގީވާންޖެހޭ ކަމަށާއި އެގޮތުން އައްޑޫ ތަރައްގީ ކުރަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އެއީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތް ތަނަކަށް ވާތީ ކަމަށެވެ.

އަދި ރާއްޖެ އައި ބޮޑެތި ބަދަލުތަކުގައި އައްޑޫ ރައްޔިތުންގެ ހިއްސާ ބޮޑުވާނެ ކަމަށާއި އައްޑޫ ރައްޔިތުންނަކީ އަބަދު ސިޔާސީ ގޮތުން ގުރުބާން ކުރެވޭ ބަޔަކަށް ނުހެދުމަށް ނިޒާރު ވަނީ ގޮވާލާފައެވެ.

"އަޅުގަނޑުމެންނަކީ އަބަދު ސިޔާސީ ގޮތުން ގުރުބާންވާން ތިބި ބައެއް ނޫނޭ. އަޅުގަނޑުމެންގެ ހިއްސާ ހުރިހާ ކަމެއްގައި ދެއްވާށޭ. އައްޑޫން އެ ފެންނަ ނިކަމެތިކަން، އެ ވީރާނާކަން ތާ އަބަދު އޮންނާކަށް ނުޖެހޭ. އެ ލިބިގަންނަން އައްޑޫގެ ސިޔާސީ މީހުން އެބަޖެހޭ މަސައްކަތް ކުރަން. އެ މަސައްކަތް ކުރާތަނެއް ނުފެނޭ" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވި ގޮތުގައި ކަންކަން ނުވާނަމަ އެކަމުގެ ވާހަކަ ދައްކާނެ ކަމަށާއި އަދި ކަންކަން ކުރުވަން ރޮޔެ އާދޭސް ކުރަން ޖެހިއްޖެނަމަ އައްޑޫ ރައްޔިތުންނަށްޓަކާ އެކަން ވެސް ކުރައްވާނެ ކަމަށެވެ.

"ނުކުރަންޏާ ހަމަ ރަނގަޅަށް ބުނާނަން މިކަން ނުކުރިއޭ، މިކަން ނުވިއޭ، މިވެނި މިނިސްޓަރަކު މިހެންނޭ މިކަން ކުރީ. އަޅުގަނޑު ދަންނަވާނަން ރައްޔިތުންނަށް. އެއީ ރައްޔިތުންގެ ވާޖިބު އަދާކޮށްދޭން" ނިޒާރު ވިދާޅުވިއެވެ.

މީގެއިތުރުން ކަންކަން ކުރެވޭނީ ސަރުކާރާ ވެސް ގުޅިގެންކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލަށް ލިބެންޖެހޭ ބާރުތައް ވެސް ސާފުވާންޖެހޭ ކަމަށެވެ. އަދި ކައުންސިލަށް ހޮވުމުން ހަމައެކަނި އޮފީހުގައި ތިބެގެން ކަންކަން ކުރުމުގެ ވިސްނުން ދޫކޮށްލުމަށްފަހު ރައްޔިތުންނާ މަޝްވަރާކޮށްގެން ކަންކަން ކުރުމުގެ ވިސްނުން ގެންގުޅެންޖެހޭކަން ވެސް ނިޒާރު ފާހަގަކުރެއްވިއެވެ.