Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

ނިޒާރުގެ ތަސައްވުރު: އައްޑޫ ތަރައްގީ ކުރާނީ ހުރިހާ ރައްޔިތުންނާ ގުޅިގެން!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގެންފިނަމަ އެ ސިޓީ ތަރައްގީ ކުރައްވާނީ ހުރިހާ ރައްޔިތުންނާ ގުޅިގެން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫގެ މޭޔަރު ކަމަށް ނިޒާރާއެކު އެ ސިޓީގެ މޭޔަރުކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ އަބްދުﷲ ސޯދިގު (ސޯބެ) ވެސް ވާދަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރޭ ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ ކައުންސިލްގެ މަސައްކަތަކީ މުނިސިޕަލް ސޯޝަލް މަސައްކަތެއް ކަމަށާއި އަދި ކައުންސިލަށް ހޮވޭ ފަރާތްތަކުން ވެސް މިއީ މިނިސްޓްރީއެއްގެ މަގާމެއް ކަމަށް ދެކި އެ ވިސްނުން ގެންގުޅެގެން ނުވާނެ ކަމަށެވެ.

"މިނިސްޓަރުން ހެން ހެދިގެން ކައުންސިލްގައި ތިބެގެން ނުވާނެ. ރައްޔިތުންނާ ވާހަކަދައްކަންޖެހޭ، ރައްޔިތުންނާ ގުޅުން ބޮޑުވާންޖެހޭ. އައްޑޫ އަށް ބަދަލު ގެނައުމުގައި އައްޑޫ ރައްޔިތުންނާ މަޝްވަރާކޮށް، އައްޑޫ ރައްޔިތުން އެކައްޗެއްގެ ގޮތުގައި ގެނެވިގެން އައްޑޫ ތަރައްގީ ކުރެވޭނީ" ނިޒާރު ވިދާޅުވިއެވެ.

އައްޑޫގެ މޭޔަރު ކަމަށް މިފަހަރު ކުރިމަތިލައްވަނީ އައްޑޫ އަށް ބަދަލުތަކެއް ގެންނަން ބޭނުންވާތީކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ އައްޑޫ ކައުންސިލުން ވެސް އިދާރީ ގޮތުން އައްޑޫގެ ހިންގުމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި އެއް ބައްޓަމަކަށް ކަންކަން ގެންދިޔުމުން މިހާތަނަށް އެއްވެސް ބަދަލެއް ފެނިގެން ގޮސްފައި ނުވާ ކަމަށެވެ.

"ރަށުގެ މަލަމަތި ރީތި ކުރުމަކީީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ނޫން. އެއީ ސިޓީ ކައުންސިލްގެ ބާރެއްގެ ގޮތުގައި ވެސް އެކަން އެބައޮވޭ. އެކަމަކު އެކަމެއް ފެނިގެނެއް ނުދޭ. ރައްޔިތުންނާ އެކު އެއްބައިވަންތަކަން ގާއިމުކޮށްގެން އެއްބައެއްގެ ގޮތުގައި މަސައްކަތްކޮށްފިނަމަ އައްޑޫ އަށް ބަދަލު ގެނެވޭނެ" ނިޒާރު ވިދާޅުވިއެވެ.

މޭޔަރު ކަމަށް އިންތިހާބުވެއްޖެނަމަ ކަންކަން ކުރުމުގައި ރައްޔިތުންނާ މަޝްވަރާ ކުރައްވާނެ ކަމަށާއި ކަންކަން ކުރުވަން ރޮޔެ އާދޭސް ކުރަން ޖެހިއްޖެނަމަ އައްޑޫ ރައްޔިތުންނަށްޓަކާ އެކަން ވެސް ކުރައްވާނެ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

"ނުކުރަންޏާ ހަމަ ރަނގަޅަށް ބުނާނަން މިކަން ނުކުރިއޭ، މިކަން ނުވިއޭ، މިވެނި މިނިސްޓަރަކު މިހެންނޭ މިކަން ކުރީ. އަޅުގަނޑު ދަންނަވާނަން ރައްޔިތުންނަށް. އެއީ ރައްޔިތުންގެ ވާޖިބު އަދާކޮށްދޭން" ނިޒާރު ވިދާޅުވިއެވެ.

އައްޑޫގެ މޭޔަރު ކަމަށް ނިޒާރު ކުރިމަތިލައްވާއިރު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.