Last Updated: April 25, 17:01
Thursday, April 25, 2024
ޚަބަރު

ރައީސްގެ ދައުވަތަކަށް 200 ކައުންސިލަރުން އެއް މޭޒަކަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ރާއްޖޭގެ ހުރިހާ ރަށްތަށް ތަމްސީލުވާ ގޮތަށް 200 އަށް ވުރެ ގިނަ ކައުންސިލަރުންނާއެކު މަހާސިންތާއެއް ބޭއްވުމަށް ނިންމައިފިއެވެ.

"ވިޔަވަތި ރާއްޖެ" ގެ ނަމުގައި ކުރިއަށްގެންދާ މި މަހާސިންތާ ކުރިއަށްދާނީ ކްރޮސްރޯޑްސްގައެވެ.

މި މަހާސިންތާއަކީ ލާމަރުކަޒީ ގާނޫނު ބޮޑެތި ބަދަލު ތަކަކާ އެކު ތަންފީޒު ވެގެން އަންނަ އިރު ކައުންސިލްތައް އެންމެ ރަނގަޅު ގޮތުގައި ބާރުވެރިވެ އޭގެ ފައިދާ އެންމެ ހެޔޮ ގޮތުގައި ރައްޔިތުންނަށް ކުރަމުންދިޔުމާއި އަންނަ އަހަރުގެ ބަޖެޓަށް ވެސް އަންނަ ބަދަލުތަކަށް ކައުންސިލަރުން އަހުލުވެރިކުރުވުން ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގެ ތިންވަނަ ދައުރުގައި ފާސްކޮށްފައިވާއިރު، ކައުންސިލްތަކުގެ ދައުރު ވަނީ ތިން އަހަރުން ފަސް އަހަރަށް ބަދަލުކޮށްފައެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭ ގޮތަށް ހަމަޖެއްސުން ވެސް ހިމެނެއެވެ.

މީގެއިތުރުން ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި ރަށުގެ ކައުންސިލްތަކުގެ ރައީސުންގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ ރައީސުން ސީދާ އެ ކައުންސިލެއްގެ މީހުންގެ ޥޯޓުން އިންތިހާބު ކުރާ ގޮތަށް ވެސް ވަނީ ބަދަލުކޮށްފައެވެ.

އެ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ސޯލިހު ތަސްދީގު ކުރައްވާނީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާގައެވެ.