Last Updated: April 24, 18:14
Wednesday, April 24, 2024
ޚަބަރު

އެއްވެސް ގައުމަކާ ޖައްސާލައިގެން ރާއްޖެއަށް ލިބޭނެ ފައިދާއެއް ނެތް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު -- ފޮޓޯ / ސަން

އެއްވެސް ގައުމަކާ ޖައްސާލައިގެން ރާއްޖެ އަށް ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިމިވަނީ އިންޑިއާގެ ލޯކް ސަބާ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭ ލޯނު އެހީތަކަކީ ތަރައްގީއަށް ވެދޭ އެހީތެރިކަމެއްގެ ގޮތުގައި ނުދެކޭ ކަމަށާއި އޭގެ ބަދަލުގައި އެއީ ދަރަނީގެ ދަންތުރައެއް ކަމަށް ވިދާޅުވެ ޗައިނާއަށް ފާޑުކިޔާފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ އާދަމް ޝަރީފު ވިދާޅުވީ އެއްވެސް ގައުމަކާ ޖައްސާލައިގެން ނުވަތަ އުނގަށް ވެއްޓިގެން ކުރާ ކަމަކުން ގައުމަށް ލިބޭ ފައިދާއަށް ވުރެ ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ.

އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު ވާންޖެހޭނީ ސިޔާދަތަށް ނުރައްކާ ނުވާނެ ގޮތަކަށް، ރާއްޖެ އަށް ފައިދާ ކުރާނެ އުސޫލަކުން، ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާއާ ގުޅޭގޮތުން ނަޝީދު ދެއްކެވި ވާހަކަތަކަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒޭންގް ލިޒޯންގް ވެސް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ސަފީރު ވިދާޅުވި ގޮތުގައި އެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި ޗައިނާ އަކީ ދަންތުރައެއްގެ ބަދަލުގައި އެކި ކަންކަމުގައި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށެވެ.

އަދި ރާއްޖެ-ޗައިނާ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކާ ސިޔާސީ ފަރާތްތަކުން މިހާރަށްވުރެ ޒިންމާދާރު ކަމާއެކު އަމަލުތައް ބެހެއްޓުމަށް ވެސް ސަފީރު ވަނީ އިލްތިމާސްކުރައްވާފައެވެ.