Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ތިން ގައުމެއްގެ ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި

ބަލްގޭރިއާ އާއި ޑެންމާކް އަދި ރިޕަބްލިކް އޮފް އަޔަލެންޑުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

ބަލްގޭރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާސަފީރު އެލިއެނޮރާ ޑިމިޓްރީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްފަހު، ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ނޫ އިޤްތިޞާދާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލްކުރުމަށް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ސަފީރާ ޙިއްޞާކުރައްވާފައެވެ.

ރާއްޖެއާއި ބަލްގޭރިއާގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ރޮނގުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައިގެ ރޮނގުން އެޤައުމުގެ އެއްބާރުލުން ރާއްޖެއަށް ލިބުން މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ޑެންމާކް ސަފީރު ފްރެޑީ ސްވޭން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްފަހު ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ ދެޤައުމުގެ މެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން ފުޅާކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ދެޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަޔަލެންޑުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ބްރެންޑަން ވަރޑްގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްފަހު ދެބޭފުޅުންގެ މެދުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އަޔަލެންޑާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވިފައިވާތާ 20 އަހަރުވެފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި އަޔަލެންޑަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެއްކަން ފާހަގަކުރައްވާ، އެޤައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތްތާނގައިވެސް އިތުރުވަމުންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.

މި ބައްދަލުކުރެވުމުގައި ދެބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދު އަދި ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދެޤައުމު ގުޅިގެން މަސައްކަތް ކުރުމާމެދު މަޝްވަރާކުރައްވާފައިވެއެވެ.