Last Updated: April 25, 10:28
Thursday, April 25, 2024
ޚަބަރު

ލާމަރުކަޒީ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ލާމަރުކަޒީ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ސޯލިހު މި ބިލު ތަސްދީގު ކުރެއްވީ ލޯކަލް ކައުންސިލަތަކާއެކު މަޝްވަރާ ކުރުމުގެ ގޮތުން މިއަދު ކްރޮސްރޯޑްގައި ފެށި މަހާސިންތާގެ ތެރެއިންނެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އެ ބިލު ފާސްކޮށްފައިވަނީ ޖުމްލަ 13 އިސްލާހާއެކުއެވެ.

އެ ބިލުގައި ވަނީ ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް ބަދަލުކޮށްފައެވެ. އަދި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭ ގޮތަށް ހަމަޖެއްސުން ވެސް ހިމެނެއެވެ. އަދި ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެއިތުރުން ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި ރަށުގެ ކައުންސިލްތަކުގެ ރައީސުންގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ ރައީސުން ސީދާ އެ ކައުންސިލެއްގެ މީހުންގެ ޥޯޓުން އިންތިހާބު ކުރާ ގޮތަށް ވެސް ވަނީ ބަދަލުކޮށްފައެވެ.

މި ބިލު ރައީސް ތަސްދީގު ކުރެއްވުމާއެކު އެ ގާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.