Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ޖާބިރު އޭސީސީ އަށް ހާޒިރުކުރަނީ

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު – ފޮޓޯ: މަަޖިލިސް

ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ) އަށް ހާޒިރުކުރަން ޗިޓު ފޮނުވާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޑީއާރްޕީން ބުނީ މި ޗިޓު ފޮނުވާފައިވަނީ ޖާބިރު މަޖިލީހުގައި ދެއްކި ވާހަކަތަކަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް އޭސީސީ އަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައަށް ބަޔާން ދިނުމަށް އެ ކޮމިޝަނަށް ގުޅުމުން އެކަން ނުކުރައްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

މަޖިލިހުގެ އެކި ޖަލްސާތަކުގައި ޖާބިރު މީގެ ކުރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އެގޮތުން ގިނަ އަދަދެއްގެ ފައިސާ ރައީސް ސޯލިހު ވެސް ޖާބިރު އަތުން ނަންގަވާފައި ކަމަށާއި އަދި ރައީސް ސޯލިހަކީ ވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ފަރާތެއް ކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.

އަދި ދޮގާއި މަކަރާއި ހީލަތް ހެދުމާއި އަދި ވައްކަން ކުރުން ފަދަ ވިޔާނުދާ އަމަލުތައް ހިންގާ މީހުންނަށް ރާއްޖޭގެ ވެރިކަމުގައި ތިބެވިގެން ނުވާނެ ކަމަށާއި އެހެންކަމުން ރައީސް ސޯލިހް މަގާމުން ދުރުކުރަންޖެހޭނެ ކަމަށްވެސް މަޖިލީހުގެ އެކި ޖަލްސާތަކުގައި ޖާބިރު ވަނީ ގޮވާލާފައެވެ.