Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އިންޑިއާ އިން އިންތިހާބަށް ނުފޫޒު ފޯރުވި ވާހަކައެއް ނުބުނަން: ނަޝީދު

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް އިންޑިއާ އިން ނުފޫޒު ފޯރުވި ވާހަކަ ނުދަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ ދާދިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއު އެއްގައި އެމްޑީޕީ އަށް އިންތިހާބު ކާމިޔާބު ކުރެވެނީ އިންޑިއާ އޮފިޝަލުންނާއި ޑިޕްލޮމެޓުންގެ އެހީގައި ކަމަށް ނަޝީދު ވިދާޅުވެފައިވާ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އެ ވާހަކަތައް އިތުރު ސާފުކޮށްދެއްވައި މިއަދު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ އިންޑިއާ އިން ރާއްޖޭގެ އިންތިހާބަށް ނުފޫޒު ފޯރުވާފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި އިންޑިއާ ވެސް ހިމެނޭ ގޮތަށް ބައިނަގްއަގުވާމީ މުޖުތަމައުން ރާއްޖޭގައި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ބާރު އެޅި ކަމަށެވެ.

"އެ ބާރު އެޅުންތަކާ މެދު ޝުކުރުވެރިވަން. އެއީ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ލިބުނު އެހީއެއް" ނަޝީދު ވިދާޅުވިއެވެ.

އިންތިޚާބެއްގައި ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ރާއްޖެއިން ބޭރުގެ އެހީ ހޯދުމަކީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި މަނާ ކަމެކެވެ.

ނަޝީދު ދެއްކެވި އެ ވާހަކަތައް ބެލުމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވިއިރު އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް އަންނަނީ އެ އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރާ ކަމަށާއި އެ އިންތިހާބަކީ ވަރަށް ބޮޑަށް އޮޅުވާލާފައިވާ އިންތިހާބެއް ކަމަށް ބުނަމުންނެވެ.

އެގޮތުން އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ވެއްދިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އިންތިހާބު ބާތިލުކުރާނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.