Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ކައުންސިލަރުންގެ މުސާރައަށް ބަދަލު ގެންނާނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ކައުންސިލަރުންގެ މުސާރައަށް ބަދަލު ގެންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު މިއަދު މެންދުރުފަހު ކޮރޮސްރޯޑް މޯލްޑިވްސްގައި ފެށި “ވިއަވަތި ރާއްޖެ” މަޝްވަރާ ބައްދަލުވުމުގެ ފުރަތަމަ ސެޝަންގައި ކައުންސިލަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ޅ.އަތޮޅު ކައުންސިލްގެ ރައީސް އިބްރާޙިމް ޝިމާއު ވިދާޅުވީ ލާމަރުކަޒީ ގާނޫނުން ބޮޑެތި މަސްއޫލިޔަތު ތަކެއް ކައުންސިލްތަކާ ހަވާލުވެގެން ދާއިރު އެކަންކަން ތަންފީޒު ކުރުމަށް ގާބިލް މީހުން ވެސް ކައުންސިލްތަކަށް ނިކުންނަންޖެހޭ ކަމަށެވެ.

ނަމަވެސް މުސާރައިގެ ކުޑަކަމުން އެފަދަ ގާބިލް މީހުން ކައުންސިލްތަކަށް ނުނިކުންނަ ކަމުގެ ކަންބޮޑުވުން ޝިމާއު ފާޅުކުރެއްވިއެވެ.

ޝިމާއުގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ކައުންސިލަރުންގެ މުސާރަ އަށް ބަދަލު ގެންނަވާނެ ކަމަށާއި އެ ބަދަލު ގެންނާނީ ދައުލަތުގެ މާލިއްޔަތަށް ވެސް ބެލުމަށްފަހު ކަމަށެވެ.

"އެނގިވަޑައި ގަންނަވާނެ މިފަހަރު މި ގާނޫނު ފާސްވުމާ އެކީގައި އަންހެނުންގެ ކޮމިޓީއަށް މުސާރަ އާއި ހިންގުމުގެ ހަރަދު ފުރަތަމަ ފަހަރަށް ކަނއެޅިގެން މިދަނީ. އެހެންވީމާ އަޅުގަނޑު އުއްމީދު ކުރަނީ ހުނަރުވެރި ގާބިލު އަންހެން ބޭފުޅުން މިކަމަށް ކުރިމަރިލައްވާނެ ކަމަށް" ރައީސް ވިދާޅުވިއެވެ.

ކައުންސިލަރުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވީ މިދިޔަ މާޗު މަހުގެތެރޭ ރައްޔިތުންގެ މަޖިލީހުން ވަނީ މޭޔަރުންނާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން ފާސްކޮށްފައެވެ.

އެގޮތުން މޭޔަރުންނަށް މުސާރަ އާއި ލިވިން އެލަވެންސާއެކު 40،000 ރުފިޔާ މިހާރު ލިބެއެވެ. ޑެޕިއުޓީ މޭޔަރުންނަށް މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 35،000ރ. އެވެ.

ސިޓީ ކައުންސިލް މެމްބަރަކަށް މުސާރަ އާއި ލިވިން އެލަވެންސާއެކު ލިބެނީ 30،000 ރުފިޔާއެވެ.