Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯ ލިސްޓުގައި ހިމެނުމަށް މަޝްވަރާކޮށްފި

ވޯލްޑް މޮނިއުމަންޓް ފަންޑުގެ ބޭފުޅުން ކަމަށްވާ ސްޓެފެން ބެޓަލް އަދި ކޮންސަލްޓަންޓު ޓު ދަ ވޯލްޑް މޮނިއުމަންޓް ފަންޑު، ސިލިވިއާ ކްރެވެރޯ، ރާއްޖޭގައި ހުރި ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯ ލިސްޓުގައި ހިމެނުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ލިސްޓުގައި ހިމެނުމުގައި މިނިސްޓްރީއަކީ ވަރަށް މުހިންމު މުއައްސަސާއެއްކަމުގައި ވޯލްޑް މޮނިއުމަންޓް ފަންޑްގެ ބޭފުޅުން ވިދާޅުވިއެވެ.

ވަގުތީ ލިސްޓްގައި 6 މިސްކިތެއް ހިމެނުމަށް ނިންމާފައިވާއިރު އިތުރު މިސްކިތްތައްވެސް ކުރިއަށް އޮތްތަނުގައި ޔުނެސްކޯގެ ލިސްޓުގައި ހިމެނުމަށް މަސައްކަތްކުރައްވާނެކަމަށް ސިލިވިއާ ކްރެވެރޯ ވިދާޅުވިއެވެ.

ވަގުތީ ލިސްޓްގައި ހިމަނާފައިވަނީ މާލޭ ހުކުރު މިސްކިތް، މާލޭ ޢީދު މިސްކިތް، އިހަވަންދޫ މިސްކިތް، ރ.މީދޫ މިސްކިތް، ލ.އިސްދޫ މިސްކިތް އަދި އދ.ފެންފުށި މިސްކިތެވެ. މި މަސައްކަތްތައް 2021 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި މި ކަމުގެ ސަބަބުން ރާއްޖެ އިޝްތިހާރުވެ އެކި ފަރާތްތަކުން ފަންޑު ލިބުމަށްވެސް ފުރުސަތު އެބައޮތްކަމުގައި ސިލިވިއާ ކްރެވެރޯ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޑރ. އަހުމަދު ޒާހިރު ޢަލީ ވިދާޅުވިގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި މަސައްކަތައް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ ޔުނެސްކޯގެ ލިސްޓްގައި ރާއްޖޭގެ ބައެއް މިސްކިތްތައް ހިމެނުމަށް ނިންމި ނިންމެވުމަށް މަރުޙަބާ ދަންނަވާ ޝުކުރު އަދާކުރެއްވިއެވެ.