Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

ޝަރުއީ ދާއިރާއިން މައުލޫމާތު ހާމަނުކުރާ މައްސަލަ އުއްތަމަ ފަނޑިޔާރަށް

ޝަރުޢީ ދާއިރާގައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅުންހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އިންފޮމޭޝަން ކޮމިޝަނަރު ޙުސައިން ފިޔާޒު މޫސާ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުޢުތަޞިމް އަދުނާންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު، އުއްތަމަ ފަނޑިޔާރާ ބައްދަލުކުރެއްވީ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ" ޤާނޫނުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމާ ޚިލާފަށް ޝަރުޢީ ދާއިރާއިން ނިންމަވާފައިވާ ނިންމުންތައް ބާތިލްކޮށް ދެއްވުމަށާއި، "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ" ޤާނޫނު ޝަރުޢީ ދާއިރާއިން ފުރިހަމައަށް ތަންފީޒުކޮށް ދެއްވަމުން ގެންދެވުމަށް ދެންނެވުމަށެވެ.

"މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ" ޤާނޫނަށް 2014 ވަނަ އަހަރު އަމަލަކުރަން ފަށާފައިވާއިރު، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރުޢީ ދާއިރާއިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅުއްވާފައިވަނީ އެންމެ އަހަރީ ރިޕޯޓެކެވެ. އެއީ 2014 ވަނަ އަހަރު ޖުވެނައިލް ކޯޓުންނެވެ. އެ ރިޕޯޓު ފިޔަވައި، ޝަރުޢީ ދާއިރާގެ އެހެން އެއްވެސް އިދާރާއަކުން، މިހާތަނަށް އަހަރީ ރިޕޯޓު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅުއްވާފައެއް ނުވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވަނީ ޝަރުޢީ ދާއިރާގެ ކަންކަން ވީހާ ވެސް ދެ ފުށް ފެންނަ ގޮތަށް ހެދުމަށް މަސައްކަތްޕުޅު ކުރައްވާ ކަމަށާއި ވީހާ ވެސް ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ރައްޔިތުންނަށް ލިބިދިނުމަށް ބާރު އަޅުއްވާ ކަމަށް ވިދާޅުވެފައެވެ.

އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ވިދާޅުވީ ޝަރުޢީ ދާއިރާއާމެދު އާންމު ރައްޔިތުން ދެކޭ ގޮތް ބަދަލުކޮށް، ތަސައްވަރު ރަނގަޅު ކުރެވޭނީ "މަޢުލޫމާތު ހާމަކުރާ މިންވަރު އިތުރުކޮށްގެން" ކަމަށެވެ.

"ވަރަށް ބޮޑަށް މިއަދު ހިތްހަމަޖެހިގެން ހިނގެއްޖެ، ޝަރުޢީ ދާއިރާގެ ހާމަކަން ބޮޑު ކުރެއްވުމުގެ ވިސްނުންފުޅު މިހާރުގެ އުއްތަމަ ފަނޑިޔާރު ގެންގުޅުއްވާތީ. އެކަމުގެ ސަބަބުން ރައްޔިތުންގެ ޙައްޤުތައް އިތުރަށް ކަށަވަރުވެ، ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ،" ފިޔާޒު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރާއެކު އިންފޮމޭޝަން ކޮމިޝަނަރު ބޭއްވި ބައްދަލުކުރެއްވުމުގައި، އެ މަނިކުފާނުގެ އިތުރުން ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޙުސައިން ފާއިޒު ބައިވެރިވެވަޑައިގެންނެވި އެވެ.