Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ދީނީ ގޮތުން ގާބިލު ބަޔަކަށް ޒުވާނުން ހެދުމަށް މަޝްވަރާކޮށްފި

"ޔޫތް ލީޑަރޝިޕް ކޭމްޕް" އާއި ބެހޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު ޢަލީ އާއި އަލްއުސްތާޛް މުޙައްމަދު ނޫރުއްދީން ލޭމޫ (ޑިރެކްޓަރ އޮފް ރިސަރޗް އެންޑް ޓްރެއިނިންގ، ދަޢުވާ އިންސްޓިޓިއުޓް އޮފް ނައިޖީރިއަރ) މުޙައްމަދު ޒުހައިރު (ހެޑް އޮފް އައުޓްރީޗް އެންޑް އޮޕަރޭޝަންސް، ބަޙްރައިންގެ ޑިސްކަވަރ އިސްލާމް ސޮސައިޓީ) މިއަދު ބައްދަލުކޮށް މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ޒުވާނުން ހަރުދަނާކޮށް ދީނީ ގޮތުން ޤާބިލް އަދި ހޭލުންތެރި ބަޔަކަށް ހެދުމާއި ގުޅޭގޮތުންނެވެ.

ޔޫތު ލީޑަރޝިޕް ކޭމްޕް ފަދަ ޕްރޮގްރާމްތަކުގައި ބޭނުންކުރެވިދާނެ ތަފާތު މަޢުލޫމާތުތަކުގެ މައްޗަށް ހިމެނޭ ފޮތްތައް މި ބައްދަލުވުމުގައި އަލްއުސްތާޛް މުޙައްމަދު ނޫރުއްދީން ލޭމޫ އިސްލާމިކް މިނިސްޓަރަށް ހަދިޔާ ކުރެއްވިއެވެ.

އަދި ޒުވާން ޖީލެއް ބިނާކުރުމުގައި ޢިލްމުވެރިންނާއި، ދައުވަތުގެ މައިދާނުގައި މަސައްކަތްކުރާ ފަރާތްތަކާއި، ދުނިޔަވީ ގޮތުން ތަފާތު ޢިލްމުތައް އުނގެނިގެން ތިއްބެވި ބޭފުޅުންނަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރައްވަން ޖެހިވަޑައިގަންތިބި ބައެއްކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ ޒުވާނުން ރަނގަޅު މަގުގައި ސާބިތުކޮށްދިނުމަށް ޒުވާން ޖީލުތަކަށް ދެމިގެންދާނެ ފަދަ ގޮތަކަށް ކަންކަން ރާވާ ހިންގުމަށްވެސް ވިދާޅުވިއެވެ.

އިތުރަށް މަޝްވަރާކުރައްވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވޮގޮތުގައި ކުރިއަށް އޮތްތަނުގައި މިފަދަ ޔޫތު ޕްރޮގްރާމްތައް ރާވާ ހިންގުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ޢިލްމްވެރިންނަށް އަމާޒުކޮށްގެން ޒުވާނުންނަށް ދީނީ މަޢުލޫމާތު ހިއްސާކުރެވިދާނެ ހަރުދަނާ ގޮތްތަށް ހަމަޖެއްސުމަށް ވާރކްޝޮޕްތައް ހިންގާނެ ކަމަށްވެސް ވިދާޅުވިއެވެ.