Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ސައިކަލް ފުރޮޅުގައި ހެދުން އޮޅި މީހަކަށް އަނިޔާވެއްޖެ

މާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ މިރޭ 20:18 ހާއިރު ބޮޑުތަކުރުފާނު މަގުގައި ކަމަށެވެ. އެގޮތުން މި އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައިދިޔަ ސައިކަލެއްގެ ފަހަތުން އިން އަންހެނެއްގެ ހެދުން ސައިކަލުގެ ފުރޮޅުގައި އޮޅި ތާށިވެގެން ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓު ހިނގުމާއެކު އެވަގުތު މަގުމަތީގައި ތިބި އާންމުންގެ އެހީއާއެކު ފުރޮޅުގައި އޮޅި ތާށިވެފައިވާ ހެދުމުގެ ބައި ކަފާލައިގެން އަންހެން މީހާ ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓުގައި އަންހެން މީހާގެ އަތަށާއި ފަޔަށް އަނިޔާވެފައިވާއިރު ސައިކަލު ދުއްވަން އިން މީހާއަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ.

ފުލުހުން ވަނީ ދިގު ހެދުން ތުރުކުރައްވައިގެން ސައިކަލުގައި ދަތުރުކުރާ އަންހެނުން، ސައިކަލުގެ ފުރޮޅާއި ދިމާލަށް ހެދުން ނުދާނެހެން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.