Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

މާލޭގެ މޭޔަރު ކަމަށް މުއިއްޒު ވާދަކުރައްވަނީ

މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު، ފޮޓޯ: އަވަސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވާދަކުރައްވާނެކަން އިދިކޮޅު ކޯލިޝަނުން އިއުލާންކޮށްފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

އެގޮތުން އަދުރޭ ވިދާޅުވީ މާލެ އަށް ބޮޑު ބަދަލެއް އަންނަންޖެހޭ ކަމަށާއި މި ބަދަލު ގެނެވެން އޮތީ މާލެ "މުއިއްޒު" ކޮށްގެން ކަމަށެވެ. އެގޮތުން ކޮންމެ ގޮތެއް ހަދައިގެން ވިޔަސް ކުރިއަށް އޮތް އިންތިހާބުގައި މާލެ "މުއިއްޒު" ކުރަންޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑު މިރޭ އިއުލާން ކުރަން ޑރ.މުހައްމަދު މުއިއްޒު، އިރާދަކުރެއްވިއްޔާ މި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވާނެ. އިރާދަކުރެއްވިއްޔާ އެމަނިކުފާނު މާލޭގެ މޭޔަރުކަން ކާމިޔާބު ކުރައްވާނެ" އަދުރޭ ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަމަށް މުއިއްޒު ނިކުމެވަޑައިގަންނަވާނީ "މާލެ މުއިއްޒު ކުރަން" މި ޝިއާރުގެ ދަށުން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި ކައުންސިލް އިންތިހާބުގެ ކެމްޕެއިން ވަރަށް އަވަހަށް އިދިކޮޅުން ފަށާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަމަށް މުއިއްޒުގެ އިތުރުން މިހާރުވެސް އެ ސިޓީގެ މޭޔަރުކަން ކުރައްވަމުން ގެންދަވާ ޝިފާ މުހައްމަދު ވެސް ވާދަކުރައްވާނެކަން ވަނީ އިއުލާންކުރައްވާފައެވެ.