Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މިއީ ބުރިޖު އެޅޭނެ ސަރުކާރެއް ނޫން: އަދުރޭ

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅާލުމުގެ މަސައްކަތް މި ސަރުކާރަށް ނުކުރެވޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ހުވާ ކުރެއްވުމަށްފަހު އެ ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރު ފެށުމުގެ ކުރިން ފައްޓަވާނެ ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް މިހާރު އަމަލީ މަސައްކަތް ފަށާ ތާރީހު އަންނަ އަހަރަށް ފަސްކުރައްވާފައިވާ ކަމަށެވެ.

އަދި މިހާރު ކަންކަން ދާގޮތުން ލޯކަލް ކައުންސިލް އިންތިހާބު ނިމުމުން އެ ބްރިޖްގެ އަމަލީ މަސައްކަތް 2023 ވަނަ އަހަރުގެ ކުރިން ފަށާނެ ކަމަށް އިއުލާން ކުރެއްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަންނަވަނީ، 2023 ވަނަ އަހަރު ނިމުނަސް އެ ބްރިޖެއް ނޭޅޭނެ މި ސަރުކާރަކަށް. ހަމަ ޔަގީން ނޭޅޭނެ. އެއީ އެ އަޅަން ލާރިއެއް މިވެރިންނަކަށް ނުލިބޭނެ. ލާރި ލިބޭނޯ ކިހިނެއްތޯ، ދުނިޔޭގައި ގައުމެއްގެ ތަރައްގީއަކަށް އެހީވާނެ ގައުމެއް އޮތިއްޔާ އެ ގައުމަކާ ދިމާލަށް މިދަނީ ހެސްކިޔާފައި ބަވަމުން" އަދުރޭ ވިދާޅުވިއެވެ.

އެ ބްރިޖް ނޭޅޭނެ ކަމަށް އަދުރޭ ވިދާޅުވިއިރު އެ ބްރިޖްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާއި 2023 ވަނަ އަހަރުގެ ނިޔަލަށް ނިންމަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ބްރިޖުގެ މަސައްކަތް ފެށުމަށް އަންނަ އަހަރުގެ ބަޖެޓުގައި 411 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ގާތްގަނޑަކަށް 488 މިލިއަން ޑޮލަރު އެ މަޝްރޫއަށް ހަރަދުވާނެ ކަމަށް ސަރުކާރުން މީގެކުރިން ލަފާކޮށްފައިވެއެވެ.