Last Updated: April 16, 13:42
Tuesday, April 16, 2024
ޚަބަރު

ޔާމީން ގޭގައި ހުންނެވިނަމަ ސަރުކާރަށް ވެސް ފައިދާވާނެ: އާދަމް ޝަރީފް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭގައި ހުންނެވިނަމަ މި ސަރުކާރަށް ވެސް ބޮޑަށް ވާނީ ފައިދާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް ވިދާޅުވީ ޔާމީން ޖަލަށްލައިގެން ސަރުކާރުން އުޅެނީ ހަމަ ހަގީގަތުގައި ވެސް އެމަނިކުފާނު ރަނގަޅަށް އެނގިވަޑައިނުގަންނަވާތީ ކަމަށާއި އެގޮތުން ޔާމީން އަކީ ގާނޫނީ ގޮތުން އުފެދިފައި އޮންނަ ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ.

"ރައީސް ޔާމީން މިހާރުވެސް ގޭގައި ހުންނެވިނަމަ ނުވަތަ އަޅުގަނޑުމެންނާއެކު މަސައްކަތް ކުރައްވާނަމަ މި ސަރުކާރަށް ވެސް ބޮޑަށް ވާނީ ފައިދާ. އެމަނިކުފާނަކީ ބިނާކުރަނިވި ހިޔާލުތައް ހުރިހާ އެންމެންނަށް ވެސް ދެއްވާ ބޭފުޅެއް" އޭނާ ވިދާޅުވިއެވެ.

އަދި މި ސަރުކާރުން ވެސް ގައުމަށް ހެޔޮއެދިގެން ކަމެއް ކުރަން ބޭނުންވާނަމަ ވީހާވެސް އަވަހަކަށް ޔާމީން މިނިވަން ކުރުމަށް އާދަމް ޝަރީފް ވަނީ ގޮވާލާފައެވެ.

ފަސް އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށްލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދާދިފަހުން ވަނީ ޔާމީންގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވެސް ބައްދަލުކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް އިދިކޮޅުން ހާމަކޮށްފައެއް ނުވެއެވެ.