Last Updated: March 28, 14:17
Thursday, March 28, 2024
ކުޅިވަރު

އާސެނަލް އަތުން ސިޓީ އަށް ފަސޭހަ މޮޅެއް

ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީން 3-0 އިން އާސެނަލްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ ތިންވަނައިގައި ސިޓީ މިހާރު އޮތީ 35 ޕޮއިންޓާ އެކުއެވެ. އާސެނަލް އޮތީ 22 ޕޮއިންޓާއެކު ލީގުގެ 9 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި 49 ޕޮއިންޓާ އެކު އޮތީ ލިވަޕޫލެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ދެވަނަ މިނެޓްގައި ސިޓީން ވަނީ ލީޑު ނަގާފައެވެ. ގެބްރިއަލް ދިން ޕާހަކުން މި ގޯލު ސިޓީ އަށް ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކެވިން ޑެ ބްރައިނާއެވެ. އެގޮތުން ޑެ ބްރައިނާ ނަގައިދިން ހުރަހަކުން މެޗުގެ 15 ވަނަ މިނެޓްގައި ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ.

މެޗުގެ 40 ވަނަ މިނެޓްގައި ޑެ ބްރައިނާ ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ހެޓްރިކެއް ހަދަން ވެސް އޭނާ އަށް ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް އާސެނަލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

މެޗުގެ ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ވެސް ސިޓީން ވަނީ އާސެނަލްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައެވެ. އާސެނަލްގެ ފަރާތުން ދަށް ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު މުޅި މެޗުގައި ވެސް އެޓީމަށް ސިޓީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމް އިން ވަނީ 2-1 އިން ވުލްވްސްގެ މައްޗަށް ކުރި ހޯދާފައެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.