Last Updated: April 16, 23:13
Tuesday, April 16, 2024
ކުޅިވަރު

ފަހު ވަގުތު ބެންޒެމާ ރެއާލް ސަލާމަތްކޮށްދީފި

ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ކަރީމް ބެންޒެމާ ޖެހި ލަނޑުން ވެލެންސިއާ އަތުން ރެއާލް މެޑްރިޑް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

ވެލެންސިއާގެ ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ލީގުގެ އެއްވަނަ އަށް އަރަން ލިބުނު ފުރުސަތު ރެއާލް އިން ވަނީ ނަގާލާފައެވެ.

ލީގުގެ ދެވަނައިގައި ރެއާލް 35 ޕޮއިންޓާއެކު އޮތްއިރު އެއްވަނައިގައި އޮތް ބާސެލޯނާ އަށް ވެސް ޕޮއިންޓު ލިބިފައިވަނީ ހަމަ އެ އަދަދަށެވެ. ނަމަވެސް ބާސާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ރެއާލް އިން ރަނގަޅަށް ކުޅެ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް ވަނީ ހިފޭގޮތް ނުވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 78 ވަނަ މިނެޓްގައި ކާލޯސް ސޮލާ ވަނީ ވެލެންސިއާ އަށް ލީޑު ނަގާދީފައެވެ.

މި ގޯލާއެކު ވެލެންސިއާ މެޗުން މޮޅުވާން ދަނިކޮށް ފަހު މިނެޓްގައި ބެންޒެމާ ވަނީ ރެއާލްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ބެންޒެމާ ނަތީޖާ އެއްވަރުކޮށްދިނީ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ބޮލުން ފޮނުވާލި ހަމަލާއެއް ވެލެންސިއާގެ ކީޕަރު ދިފާއު ކުރުމުން ބޯޅަ ބޭރަށް ނިކުތް ވަގުތު ކުރިއަށް ފޮނުވާލައިގެންނެވެ. މިއީ ލީގުގައި ބެންޒެމާ ކާމިޔާބުކުރި 12 ވަނަ ގޯލެވެ.

ބާސާ އާއި ރެއާލް އަށް ވެސް އެއް އަދަދަކަށް ޕޮއިންޓު ލިބިފައިވާއިރު، ލީގުގައި ދެން އޮތީ މި ދެ ޓީމު ބައްދަލުކުރާ "އެލް ކްލެސިކޯ" މެޗެވެ. އެ މެޗު އޮންނާނީ ބުދަ ދުވަހުގެ ރެއެވެ.