Last Updated: April 19, 06:56
Friday, April 19, 2024
ކުޅިވަރު

އިންޓަ އެއްވަރުވިއިރު ޔުވެންޓަސް މޮޅުވެއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން އިންޓަ މިލާން އެއްވަރުވިއިރު، ޔުވެންޓަސް މޮޅުވެއްޖެއެވެ.

މި ނަތީޖާތަކާއެކު ލީގުގެ އެއްވަނައިގައި އޮތް އިންޓަ އަށް އަދި ދެވަނައިގައި އޮތް ޔުވެންޓަސް އަށް ވެސް ލިބިފައިވަނީ 39 ޕޮއިންޓެވެ. ނަމަވެސް އިންޓަ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ޔުވެންޓަސް ރޭ މޮޅުވީ އުދިނޭސީއާ ބައްދަލުކުރި މެޗުން 3-1 އިންނެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ތިން ގޯލުވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން ޔުވެންޓަސް އިން ކާމިޔާބުކުރި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ލިއަނާޑޯ ބޮނޫޗީއެވެ.

ހެޓްރިކެއް ފުރިހަމަ ކުރަން ދެވަނަ ހާފްގައި ރޮނާލްޑޯ އަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވާއިރު އުދިނޭސީގެ ހަމައެކަނި ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ ޕުސެއްޓޯއެވެ.

އިންޓަ މިލާން އެއްވަރުވީ ފިއޮރެންޓީނާއާ ބައްދަލުކުރި މެޗުން 1-1 އިންނެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މި މެޗުގެ 8 ވަނަ މިނެޓްގައި ބޯޖާ ވަލޭރޯ ވަނީ އިންޓަ އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ފިއޮރެންޓީނާގެ ޒުވާން ފޯވާޑް ޑުސާން ވްލަހޮވިޗް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އުމުރުން 19 އަހަރުގެ ވްލަހޮވިޗް މި ގޯލު ކާމިޔާބުކުރީ ފިއޮރެންޓީނާ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި އިންޓަގެ ޕެނަލްޓީއޭރިއާގެ އަރިމަތީގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.