Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އައްޑޫ-އެމްޑީޕީ އަކީ ހިތާ ހިތުގެ ގުޅުމެއް، އަނދުނެއް ނާޅުވާނެ: ފައްޔާޒު

އައްޑޫ ސިޓީ އާއި އެމްޑީޕީއާ ދެމެދު އޮންނާނީ ހިތާ ހިތުގެ ގުޅުމެއް ކަމަށާއި އިންތިހާބު ކައިރިކޮށްފައި މި ސަރުކާރުން އަނދުނެއް ނާޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވެފައިމިވަނީ އައްޑޫގެ ތަރައްގީގެ ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް ފަށަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާ ދިމާކޮށް ވޯޓު ހޯދުމުގެ ނިޔަތުގައި ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫއާ އެމްޑީޕީއާ އޮންނާނީ ހިތާ ހިތުގެ ގުޅުމެއް ކަމަށާއި އެމްޑީޕީގެ ސަރުކާރުން އިންތިހާބު ކައިރިކޮށްފައި ލޮލުގައި އަނދުން އަޅުވަން ނުޖެހޭނެ ކަމަށެވެ.

"ނުވާ ވަރުގެ ކަމެއް ވެއްޖެއްޔާ ބުނީމަ ބަލައިގަންނާނެ. ވާވަރުން ވާކަންކަން ވާހިސާބަށް ދިޔުމުން ފަށަނީ. އެއް އަހަރުތެރޭ އިންތިހާބެއް އައުމަކީ ހުރަހަކަށް ނުވާނެ" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ ސިޔާސީ ބޭނުމަށްޓަކާ އައްޑޫގެ ތަރައްގީއަށްޓަކާ ކުރަމުންދާ ކަންކަމަށް ހަމަލާތައް ދިނުމަކީ ދެރަވަރު ކަމެއް ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެތައެއް އަހަރެއް ވަންދެން އިހުމާލުވެފައިވާ ކަންކަން އެއް ދުވަހަކުން އަނބުރާ ނުލެވޭނެ ކަމަށާއި ބަޔަކު މީހުން ހިތްހަމަނުޖެހުނަސް ސަރުކާރުން އައްޑޫ އަށް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވިއިރު މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ އައްޑޫ ސިޓީގެ 25 ކިލޯ މީޓަރުގެ މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްފައެވެ.