Last Updated: April 18, 11:48
Thursday, April 18, 2024
ޚަބަރު

ރާއްޖޭގައި ބޮން ހަދައި، ވައިގެ މަގުން ގޮއްވާލަން އުޅުނު!

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު - ފޮޓޯ: ރައީސް އޮފީސް

ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައިއެސްގެ ލީޑަޝިޕުން ރާވައިގެން ރާއްޖޭގެ ވައިގެ މަގުން ބޮމެއް ގޮއްވާލަން މަސައްކަތް ކުރި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ ގިނަ އަދަދެއްގެ ކައުންސިލަރުންނާއެކު، ކްރޮސްރޯޑްސްގައި އިއްޔެއިން ފެށިގެން ކުރިއަށްދާ "ވިޔަވަތި ރާއްޖެ" މަހާސިންތާގައި ރާއްޖޭގައި އޮތް ޓެރަރިޒަމްގެ ހާލަތާބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ސެޝަންގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ސީޕީ ވިދާޅުވީ މިއީ ސީރިޔާގައި ހުރި ދިވެއްސަކު ހިމެނިގެން 2017 ވަނަ އަހަރު ހިނގި ކަމެއް ކަމަށާއި އެ ބޮން ގޮއްވާލަން އިރުޝާދު ދީފައި ވަނީ އައިއެސްގެ ލީޑާޝިޕުން ކަމަށްވާއިރު އެކަން ރޭވީ ދިވެހިންތަކެއް މާލޭގައި ތިބެގެން ކަމަށެވެ.

ވައިގެ މަގުން ދޭން އުޅުނު ވަރުގަދަ އެ ހަމަލާ ނާކާމިޔާބުކޮށްލީ ދިވެހި ފުލުހުންނާއި، އެމްއެންޑީއެފް އަދި ކައުންޓާ ޓެރަރިޒަމް ސެންޓަރު ގުޅިގެން ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އަދި އެކަމުގައި ދުނިޔޭގެ އެންމެ ބޮޑެތި ފަސް ގައުމުން ބައިވެރިވި ކަމަށް ވެސް ވިދާޅުވިއެވެ.

"އެއީ، 2017 ގައި މުޅި ދުނިޔޭގައި ހިންގުނު އެންމެ ބޮޑު ކައުންޓަ ޓެރަރިޒަމް، އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަންގެ އޮޕަރޭޝަން" ސީޕީ ވިދާޅުވިއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު ރާއްޖެއަކީ ބައިނަލްއަގުވާމީ ގޮތުން ޓެރަރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެ ބޮޑަށް މަސައްކަތް ކޮށްދޭ ގައުމު ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.