Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މާޗު މަހުން ފެށިގެން ޖަރުމަނަށް ދާން ވިސާ ރާއްޖެއިން ނެގޭނެ

އަންނަ އަހަރުގެ މާރޗް މަހުން ފެށިގެން ރާއްޖެއިން ޖަރމަން ޝެންގެން ވިސާ ނެގޭނެކަން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އިއުލާން ކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިކަން އިއުލާންކުރެއްވީ މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި، ޖަރުމަންވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑް އާއިއެކު ބޭއްވެވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި، ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރުމަށް ދިވެހިން ވިސާ ނަގަން މިހާރު ދާން ޖެހެނީ އިންޑިއާގެ ދިއްލީއަށް ނުވަތަ ސްރީލަންކާގެ ކޮޅުނބަށްކަމަށާއި، އެކަމަކީ ބުރަ އަދި އުނދަގޫ ކަމެއްކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިމައްސަލައަށް ހައްލެއްހޯދުމަށް ޖަރުމަންވިލާތާއި، ޔޫރަޕިއަން ޔޫނިއަންގެ އިތުރު ޤައުމުތަކާއި، ވިސާގެ ޚިދުމަތް ފޯރުކޮށްދޭ ވީ.އެފް.އެސް ގްލޯބަލްއާއިއެކު ދިވެހި ސަރުކާރުން މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފުރަތަމަ ޖަރުމަންވިލާތުން އެކަނި މި ޚިދިމަތް ދިން ނަމަވެސް އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ އެހެން ޤައުމުތަކުންވެސް ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ލިބޭނެ މަގުފަހިކޮށްދޭނެކަމަށް،" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އަދި މިހާރު މަސައްކަތްކުރަމުން ދަނީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް ދިވެހިންނަށް ވިސާއާއި ނުލައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށާއި މިކަމާއި ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަންއާއި، އެޔޫނިއަންގެ މެމްބަރު ޤައުމުތަކާއިއެކު ވާހަކަ ދެކެވި، މަޝްވަރާތައް ކުރަމުންދާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޖަރުމަންވިލާތުގެ ސަފީރާއިއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރ ޝާހިދު ވިދާޅުވީ މިހާރުވެސް ދުނިޔޭގެ 84 ޤައުމަކަށް ކުރިން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ދަތުރުކުރެވޭކަމަށެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ.

މިއަހަރު އެކަނިވެސް ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ތައިލެންޑަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް ވިސާ ވެއިވަރ އެގްރިމެންޓްތައް ހެދި، އިންޑިއާ އަދި ސްރީލަންކާއިން ވިސާގެ ބޮޑެތި ލުއިފަސޭހަތަކެއް ހޯދިފައިބެގާކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ރާއްޖެއިން ޝެންގެން ވިސާ ދޫކުރުމުގެ ޚިދުމަތް ފަށަނީ މާރޗް މަހުން ފެށިގެންކަމުން، އަންނަ އަހަރު ޖަރުމަންވިލާތުގެ ބަރލިންގައި އޮންނަ އައި.ޓީ.ބީ ފެއަރގައި ބައިވެރިވުމަށް އެޤައުމަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުޔެއް ހޯދައިދިނުމަށް 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 އިން 5 އަށް ޖަރމަން ޝެންގެން ވިސާ ދޫކުރުމަށް ވަގުތީ ކްލިނިކެއް ހިންގުމަށް ހަމަޖެހިފައިވާކަންވެސް ޖަރުމަންވިލާތުގެ ސަފީރު އިއުލާންކުރައްވާފައިވާތީ، އެކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.