Last Updated: April 18, 22:36
Thursday, April 18, 2024
ވިޔަފާރި

އުރީދޫގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އުރީދޫއިން ކުރި އިއުލާނެއްގައި ބުނީ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުވާލާފައިވާ ކަމަށެވެ.

ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީއިން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމިޓީ އިން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެއެވެ.

އަދި 2020 ވަނަ އަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއި އެޖެންޑާއާއެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިޚާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި އިއުލާނު ކުރާނެއެވެ.

މި މަހުގެ 16 ވަނަ ދުވަހު އުރީދޫއިން ބޭއްވި ޚާއްސަ ގޮތުން ކުރާ އާންމު ޖަލްސާގައި އެ ކުންފުނީގެ ހިންގާ ގަވާއިދަށް ގެނައި އިސްލާހުގައި އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރުގެ މަޤާމުގެ މުއްދަތަކީ ތިން އަހަރު ކަމަށް ހިއްސާދާރުން ވަނީ ފާސްކޮށްފަ އެވެ.

އެހެންކަމުން، 2020 ވަނަ އަހަރުގެ މާރިޗު މަހުގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި އިންތިޚާބުކުރާ ޑިރެކްޓަރު، އެ މަގާމުގައި ދެމިހުންނާނީ 2022 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާއާ ހަމައަށެވެ.