Last Updated: April 25, 09:40
Thursday, April 25, 2024
ދުނިޔެ

ސުލައިމާނީ އަވަހަރާކޮށްލީ ހަނގުރާމައެއް ފަށާކަށް ނޫން: ޓްރަމްޕް

އެމެރިކާ އިން ދިން ހަމަލާއެއްގައި އިރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލީ ހަނގުރާމައެއް ފެށުމުގެ ބޭނުމުގައި ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ސުލައިމާނީ އަވަހާރަކޮށްލީ އެމެރިކާ އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި އިރާގުގެ ވެރިރަށް ބަޣުދާދުގެ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ވައިގެ ހަމަލާއެއްގައެވެ. ރިޕޯޓުތައް ބުނާގޮތުން މި ހަމަލާ ދީފައިވަނީ ސުލައިމާނީ އެއާޕޯޓަށް ވަޑައިގެންނެވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

އެމެރިކާ އިން ދިން ވައިގެ މި ހަމަލާގައި އިރާގުގެ އަސްކަރީ ކޮމާންޑަރެއް ކަމަށްވާ އަބޫ މަހްދީ އަލް މުހަންދިސް ވެސް ވަނީ އަވަހާރަކޮށްލާފައެވެ.

މި ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް މީޑިޔާއާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ސުލައިމާނީ ދިޔައީ އެމެރިކާގެ ޑިޕްލޮމެންޓުންނާއި އަދި އަސްކަރިއްޔާގެ ސިފައިންނަށް އަމާޒުކޮށް ހަމަލާތަކެއް ރާވަމުން ކަމަށާއި ސުލައިމާނީ އަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު އެއް ޓެރަރިސްޓު ކަމަށެވެ.

ސުލައިމާނީ އަވަހާރަކޮށްލުމަކީ މީގެ މާކުރިން ވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށާއި މިއީ އެއްވެސް ހާލެއްގައި ހަނގުރާމައެއް ފެށުމުގެ ގޮތުން ކުރި ކަމެއް ނޫން ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

"އަހަރުމެން އެޅި ހަނގުރާމައެއް ހުއްޓުވުމުގެ ފިޔަވަޅެއް. އަހަރުމެން ކުރި ކަމަކީ ހަނގުރާމައެއް ފެށުމުގެ ގޮތުން ކުރި ކަމެއް ނޫން" ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގައި އޮތީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބަރާބަރު އަސްކަރިއްޔާ ކަމަށާއި ދުނިޔޭގެ އެއްވެސް ހިސާބެއްގައި އެމެރިކާގެ ރައްޔިތުންނަށް ބިރު ދެއްކުމުގެ އަމަލެއް ހިންގައިފިނަމަ އެ ބަޔަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުގެ ސިފައިންގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ސުލައިމާނީ އަކީ އެގައުމުގެ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ބޭފުޅެއް ކަމަށްވާއިރު އިރާނުން ވަނީ މިކަމުގެ ބަދަލު ވަރަށް ހިތި ގޮތަކަށް ހިފާނެ ކަމުގެ އިންޒާރު އެމެރިކާ އަށް ދީފައެވެ.

މެދުއިރުމަތީގެ މަސްރަހު އަނެއްކާވެސް ހޫނުވެފައިވާއިރު އެމެރިކާ އިން ވަނީ ގާތްގަނޑަކަށް 3500 ސިފައިން އެ ސަރަހައްދަށް ފޮނުވުމަށް ނިންމާފައެވެ. އަދި އިރާގުގައި ތިބި އެމެރިކާ ހުރިހާ ރައްޔިތުން އެގައުމުން ފޭބުމަށް ވެސް މިހާރު ވަނީ އަންގާފައެވެ.