Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

ސުލައިމާނީގެ ޖަނާޒާގެ ތެރެއިން 35 މީހަކު މަރުވެއްޖެ

އެމެރިކާ އިން ދިން ހަމަލާއެއްގައި އަވަހަރާކޮށްލާފައިވާ އިރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީގެ ޖަނާޒާގެ ތެރެއިން 35 މީހަކު މަރުވެއްޖެއެވެ.

އިރާނުގެ ގައުމީ ޓީވީން ބުނާ ގޮތުގައި ފިތި ބާރުވެގެން ހިނގި މި ހާދިސާގައި 35 މީހަކު މަރުވުމުގެ އިތުރުން 48 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

ސުލައިމާނީގެ ޖަނާޒާގެ އެންމެފަހުގެ ކަންކަން ކުރިއަށް ގެންދަނީ އޭނާގެ އުފަން ސިޓީ ކަމަށްވާ ކާމަންގައެވެ. ގިނަ އަދަދެއްގެ ބަޔަކު ސުލައިމާނީ އަށް އެންމެފަހުގެ އިހުތިރާމް އަދާކުރުމަށް އެ ސިޓީގެ މަގުތަކަށް މިއަދު ނިކުމެފައިވާއިރު ސުލައިމާނީގެ މަރަކީ އިރާނަށް ލިބުނު ބޮޑު ހިތާމައެކެވެ.

ސުލައިމާނީ އަވަހާރަކޮށްލީ އެމެރިކާ އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި އިރާގުގެ ވެރިރަށް ބަޣުދާދުގެ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ވައިގެ ހަމަލާއެއްގައެވެ. ރިޕޯޓުތައް ބުނާގޮތުން މި ހަމަލާ ދީފައިވަނީ ސުލައިމާނީ އެއާޕޯޓަށް ވަޑައިގެންނެވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

އެމެރިކާ އިން ދިން ވައިގެ މި ހަމަލާގައި އިރާގުގެ އަސްކަރީ ކޮމާންޑަރެއް ކަމަށްވާ އަބޫ މަހްދީ އަލް މުހަންދިސް ވެސް ވަނީ އަވަހާރަކޮށްލާފައެވެ.

އީރާނުގެ ސިފައިންގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ސުލައިމާނީ އަކީ އެގައުމުގެ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ބޭފުޅެއް ކަމަށްވާއިރު އިރާނުން ވަނީ މިކަމުގެ ބަދަލު ވަރަށް ހިތި ގޮތަކަށް ހިފާނެ ކަމުގެ އިންޒާރު އެމެރިކާ އަށް ދީފައެވެ.

މެދުއިރުމަތީގެ މަސްރަހު އަނެއްކާވެސް ހޫނުވެފައިވާއިރު އެމެރިކާ އިން ވަނީ ގާތްގަނޑަކަށް 3500 ސިފައިން އެ ސަރަހައްދަށް ފޮނުވުމަށް ނިންމާފައެވެ.