Last Updated: April 20, 07:18
Saturday, April 20, 2024
ވިޔަފާރި

މިދިޔަ އަހަރު ރާއްޖެ އަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖެއަށް އައި ފަތުރުވެރިންތަކެއް ވީއައިއޭގައި - ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

މިދިޔަ އަހަރު ރާއްޖެ އަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މޯލްޑިވްސް އިމިގްރޭޝަނުން ލިބިފައިވާ މަޢުލޫމާތާއި، މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ފެސިލިޓީތަކުން ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2019 ވަނައަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި 171،292 ފަތުރުވެރިންނާއިއެކު، އަހަރު ނިމުނުއިރު ޖުމްލަ 1،702،831 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާކަމަށެވެ.

މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 14.7%ގެ ކުރިއެރުމެކެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައިވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އަހަރުކަމަށް މިނިސްޓްރީން ބުނެއެވެ.

2019 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 49% ހިއްސާއި އެކު ޔޫރަޕްގެ ޤައުމުތަކުންނެވެ. މިސަރަޙައްދުން ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދު %14.8 ކުރިއެރުމަކާއެކު، 833،904 އަށް އަރާފައިވެއެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ %41.4 ޙިއްސާއަކާއިއެކު އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުންނެވެ. 2019 ވަނައަހަރު އޭޝިއާ ޕެސިފިކް ސަރަޙައްދުން ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ޢަދަދު 705،117 އަށް އަރާފައިވެއެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު %13.5 ގެ ކުރިއެރުމެކެވެ.

2019 ވަނަ އަހަރު ތިންވަނައަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އެމެރިކާ ސަރަޙައްދުން %5 ގެ ޙިއްސާއާއި %23.3 ގެ ކުރިއެރުމަކާއިއެކު ޖުމްލަ 84،793 ފަތުރުވެރިންނެވެ. މީގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުން %3.5 ގެޙިއްސާއާއިއެކު ޖުމްލަ 60،003 ފަތުރުވެރިންނާއި އެފްރިކާ ސަރަޙައްދުން 18،698 ފަތުރުވެރިން 2019 ވަނައަހަރު ނިމުނުއިރު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.

2019 ވަނައަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ވަކިވަކި މާރކެޓްތަކަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 5 މާރކެޓަކީ، ޗައިނާ (%16.7) އިންޑިއާ (%9.7) އިޓަލީވިލާތް (%8)، ޖަރުމަނުވިލާތް .7%)7) އަދިއިނގިރޭސިވިލާތް (%7.4) އެވެ. މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ އިންޑިއާ މާކެޓަށެވެ. މިގޮތުން 2018 ވަނައަހަރު ނިމުނުއިރު 5 ވަނައިގައި އޮތުމަށްފަހު އިންޑިއާއިން ވަނީ 2019 ވަނައަހަރު ނިމުނުއިރު %83.5 ގެ ކުރިއެރުމެއް ހޯދައި 166،015 ފަތުރުވެރިންނާއިއެކު ދެވަނައަށް އަރާފައެވެ.