Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

އަމާޒަކީ މެދުއިރުމަތިން އެމެރިކާގެ ފައުޖުތައް ފައްސާލުން: އިރާން

އަމާޒަކީ މެދުއިރުމަތިން އެމެރިކާގެ ފައުޖުތައް ފައްސާލުން ކަމަށް އިރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.

އެމެރިކާ އާއި އިރާންއާ ދެމެދު ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިމިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައި އެމެރިކާ އިން ދިން ހަމަލާއެއްގައި އިރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

އެ ހަމަލާއާ ގުޅިގެން އިރާނުން ރޭގެ ވަގުތެއްގައި ވަނީ އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވިކަން އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

އިރާނުގެ ރައީސް ރޫހާނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫރަޕްގެ ގައުމުތަކަށް ނުރައްކަލެއް ނެތި ސަލާމަތްތެރިކަމާއެކު މިއަދު އުޅެވެނީ ހަނގުރާމަވެރި ޖަމާއަތްތައް ކަމަށްވާ އައިއެސް އާއި އަލްގައިދާ އަދި އަސް ނުސްރާ އާއި ދެކޮޅަށް ސުލައިމާނީ ކުރި ވަރުގަދަ ހަނގުރާމައިގެ ސަބަބުން ކަމަށެވެ.

އެގޮތުން ސުލައިމާނީ އަވަހާރަކޮށްލުމުން އިރާނުން ދޭނެ އެންމެފަހުގެ ރައްދަކީ އެމެރިކާގެ ފައުޖުތައް މެދުއިރުމަތިން ފައްސާލުން ކަމަށްވެސް ރޫހާނީ ވިދާޅުވިއެވެ.

ރޫހާނީއެކޭ އެއްގޮތަށް އިރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ވެސް ވަނީ އެ ވާހަކަތައް މިއަދު ތަކުރާރު ކުރައްވާފައެވެ.

"އަސްކަރީ ފިޔަވަޅުތަކަކުން ހަމައެކަނި ނުފުދޭ. އެންމެ މުހިއްމު ކަމަކީ އެމެރިކާގެ ފައުޖުތައް މި ސަރަހައްދުން ބޭރުކުރުން" ހާމަނާއީ ވިދާޅުވިއެވެ.

އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަށް އިރާނުން ހަމަލާދީފައިވާއިރު، މިކަމުގެ ރައްދު ދޭނެ ގޮތަކާމެދު މުޅި ދުނިޔެ މިހާރު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެކުރިން ވަނީ އެމެރިކާގެ މީހަކަށް ވެސް އަދި ތަނަކަށްވެސް ހަމަލާދީފިނަމަ އިރާނުގެ 52 ތަނަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.