Last Updated: April 23, 23:56
Wednesday, April 24, 2024
ދުނިޔެ

ޔުކްރޭންގެ ފްލައިޓު ވައްޓާލެވުނީ އޮޅުމަކުން ދެވުނު ހަމަލާއެއްގައި: އިރާން

ޔުކްރޭން އެއާލައިންސްގެ މަތިންދާ ބޯޓު ވައްޓާލެވުނީ އޮޅުމަކުން ދެވުނު ހަމަލާއަކުން ކަމަށް އިރާނުން ބުނެފިއެވެ.

އިރާނުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ އެކަން އެގޮތަށް ދިމާވީ ހެދުނު ގޯހަކުން ކަމަށާއި އެކަމަށްޓަކާ މައާފަށް އެދޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރެވިގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޔުކްރޭންގެ ވެރިރަށް ކިޔޭވް އަށް ދަތުރު ކުރަން ހަމަޖެހިފައިވާ އެ ފްލައިޓު ވެއްޓުނީ އިރާނުގެ ވެރިރަށް ތެހެރާނުގެ އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. މި ހާދިސާގައި ފްލައިޓުން ދަތުރުކުރި 176 މީހުން ވެސް ވަނީ މަރުވެފައެވެ.

މި ބޯޓު ވެއްޓިފައިވަނީ އިރާގުގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް އިރާނުން މިސައިލު ހަމަލާތަކެއް ފޮނުވާލިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

ޔުކްރޭންގެ މަތިންދާ ބޯޓު ވެއްޓުނީ އިރާނުން ދިން މިސައިލު ހަމަލާއެއްގައި ކަމަށް އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުން ބުނި ނަމަވެސް އިރާނުން ވަނީ ފުރަތަމަ އެކަން ދޮގުކޮށްފައެވެ. ނަމަވެސް ފަހުން ހުޅަނގުގެ މީޑިޔާތަކުން ވަނީ އެ ބޯޓަށް މިސައިލެއް އަރާތަން ފެންނަ ވީޑިޔޯއެއް އާންމުކޮށްފައެވެ.

ބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ކެނެޑާގެ 63 މީހަކާއި، އިރާނުގެ 82 މީހުން އަދި ޔުކްރޭނުގެ 11 މީހުންނެވެ.