Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

މިދިޔަ އަހަރު މީރާ މެދުވެރިކޮށް ދައުލަތަށް 16 ބިލިއަން ރުފިޔާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

މިދިޔަ އަހަރު މީރާ މެދުވެރިކޮށް ދައުލަތަށް 16.79 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މީރާއިން ބުނީ މިއީ މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 2.9 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

މިދިޔަ އަހަރު މީރާއަށް ބަލައިގަތް ޖުމްލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 46 އިންސައްތަ ނުވަތަ 7.74 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީޕީޓީއެވެ. އެއީ 17 އިންސައްތަ ނުވަތަ 2.90 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީ ލިބުނު ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 1.65 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އާމްދަނީގެ 10 އިންސައްތައެވެ.

މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 850.3 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 728.91 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 653.07 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މިދިޔަ އަހަރު ލިބިފައިވާ އާމްދަނީގެ ތެރެއިން ޑިސެންބަރު މަހު ބަލައިގަތް ޖުމުލަ އާމްދަނީއަކީ 1.56 ބިލިއަން ރުފިޔާއެވެ. މިއީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު 8.9 އިންސައްތަ އިތުރު އަދަދެކެވެ.

މި އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ އަދަދު މިދިޔަ އަހަރުގެ ޑިސެންބަރު މަހަށްވުރެ އިތުރުވެފައިވާތީ ކަމަށް މީރާއިން މައުލޫމާތުދެއެވެ.