Last Updated: April 24, 17:02
Wednesday, April 24, 2024
ވިޔަފާރި

ބީއެމްއެލްގެ އިސް ދެ މަގާމަކަށް ބޭފުޅުން އައްޔަން ކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ އާ ޗީފް ރިސްކް އޮފިސަރ ގެ މަގާމަށް ގެރީ ލޯޓަން އަދި އިސްލާމިކް ބޭންކިންގ ޑައިރެކްޓަރގެ މަގާމަށް ސުރީ ހާނިމް މުޙައްމަދު ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ބުނީ ބޭންކާ ގުޅިވަޑައިގަތުމުގެ ކުރިން ގެރީ ހުންނެވީ އިންވެސްޓެކް ބޭންކް ލަންޑަން ގެ ޗީފް ކްރެޑިޓް އޮފިސަރގެ މަގާމުގައި ކަމަށެވެ. ގެރީ އަކީ ބޭންކިންގ އަދި ރިސްކް މެނޭޖްމަންޓް ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޔޫކޭ އަދި ސައުތް އެފްރިކާގެ އިންވެސްޓެކް ބޭންކްގެ އިސް މަގާމްތަކެއްވެސް ފުރުއްވާފައެވެ.

އަދި ސުރީ އަކީ އިސްލާމިކް ބޭންކިންގެ ދާއިރާގައި އިސް މަގާމުތަކެއް ފުރުއްވައި 19 އަހަރުގެ ތަޖްރިބާ ހޯއްދަވާފައިވާ ބޭކަނބަލެކެވެ. އޭނާ ވަނީ ތަވާފުޤް ކޮންސަލްޓަންސީ އެސްޑީއެން ބީއެޗްޑީގައި ކޮންސަލްޓެންޓެއްގެ ގޮތުން މަސައްކަތްކުރައްވާފައެވެ. ސުރީވަނީ އެސޯސިއޭޝަން އޮފް އިސްލާމިކް އެންޑް ފައިނޭންޝަލް އިންސްޓިޓިއުޝަންސް މެލޭޝިއާ ގެ ޗީފް އެގްޒެކްޓިވް އޮފިސަރ ކަމާއި އެގްޒެކްޓިވް ޑިރެކްޓަރ ގެ މަގާމްވެސް ފުރުއްވާފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ދެ މަގާމުގެ ސަބަބުން ބޭންކުގެ ހިންގުން ހަރުދަނާ ވެގެންދާނެ ކަމަށެވެ.

"ހަރުދަނާކޮށް ރިސްކް ބެލެހެއްޓުމަަށް ބޭންކުން ވަރަށް މުހިންމު އިސްކަމެއްދެން. މިވޭތުވެދިޔަ އަހަރުތަކުގައި ބައިނަލްއަޤްވާމީ އުސޫލްތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުމަށް މުހިންމު ފިޔަވަޅުތަކެއް މިވަނީ އެޅިފައި. އަދި ގެރީ ފަދަ ތަޖުރިބާކާރު ބޭފުޅަކާއެކު އަޅުގަނޑުމެންގެ ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރެވިގެންދާނެ. މިއަހަރުތެރޭ އިސްލާމިކް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަކީވެސް އަޅުގަނޑުމެންގެ ވަރަށް މުހިންމު އަމާޒެއް. އަޅުގަނޑުގެ އުއްމީދަކީ ސުރީގެ ބައިނަލްއަޤްވާމީ ތަޖްރިބާ އާއެކު ކުރިއަރަމުންދާ އިސްލާމިކް ބޭންކިންގ ޚިދުމަތް އިތުރު ހަރުފަތަކަށް ދިޔުން. ގެރީ އާއި ސުރީގެ އަށް ކާމިޔާބީއަށް އެދެން" އޭނާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ.