Last Updated: April 19, 10:45
Friday, April 19, 2024
ޚަބަރު

ނުސީދާ ގޮތެއްގައި ނިޒާރުގެ ފާޑުކިޔުން ސޯބެ އަށް

އެެއް ކުލާހެއްގައި ނަތީޖާ ނުނެރެވި 10 އަހަރު ހުރުމަކީ ތަޖުރިބާ އެއް ނޫން ކަމަށާއި އެއީ ފެއިލްވުން ކަމަށް ވިދާޅުވެ އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ މަޖިލީސް މެންބަރު އަލީ ނިޒާރު، މިހާރުގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެއެވެ.

ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެެއް ކުލާހެއްގައި ނަތީޖާ ނުނެރެވި 10 އަހަރު ރިޕީޓް ވުމަކީ ތަޖުރިބާ އެއް ނޫން ކަމަށާއި އެއީ ފެއިލް ވުން ކަމަށެވެ. އަދި ސިޔާސީ ކަންކަން ވެސް މި މިންގަޑުން ކިރާލެވިދާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު އާއި ސޯބެެ އިތުރުން އައްޑޫގެ އެމްޑީޕީ މޭޔަރު ޕްރައިމަރީއަށް އެ ޕާޓީގެ އައްޑޫ ދާއިރާގެ ރައީސް އަހުމަދު އަދުހަމް ވެސް ވާދަކުރައްވައެވެ.

ސޯބެ އަކީ ފާއިތުވި 9 އަހަރު އައްޑޫގެ މޭޔަރުއެވެ. ސޯބެ ވަނީ ލާމަރުކަޒީ ގާނޫނު ވުޖޫދު ވުމުގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އައްޑޫ ކައުންސިލް ކަން ކުރައްވާފައެވެ. އަދި 2010 ވަނަ އަހަރު ލާމަރުކަޒީ ގާނޫނުގެ ދަށުން ބޭއްވި ކައުންސިލް އިންތިހާބު ކާމިޔާބު ކުރައްވައި ފާއިތު 9 އަހަރު ވަނީ އައްޑޫގެ މޭޔަރުކަން ކުރައްވާފައެވެ.

ސޯބެ އައްޑޫގެ މޭޔަރުކަމަށް މީގެ ކުރިން އިންތިހާބު ކުރަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު އަލަށް ގެނެވުނު އިސްލާހުގެ ދަށުން ސިޓީގެ މޭޔަރުންނާއި ރަށު ކައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަކުގެ ރައީސުން އިންތިހާބު ކުރަނީ އެ އެސީޓީއެއް ނުވަތަ ރަށެއް ނުވަތަ އޮތޮޅެއްގެ ވޯޓު ލުމުގެ ހައްގު ލިބިގެންވާ ރައްޔިތުންގެ ސިއްރު ވޯޓަކުންނެވެ.

އެމްޑީޕީގެ ޓިކެޓުގައި މިފަހަރުގެ ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭނީ މިމަހުގެ 31 ވަނަ ދުވަހު ބާއްވާ އެތެރޭގެ ޕްރައިމަރީ އިންތިހާބުން ހޮވޭ ކެންޑިޑޭޓުންނަށެވެ.